ޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެ
10 އޮކްޓޯބަރު 2026 - 18:16

ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ފުރިހަމަކުރި 113 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި މި ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ. މި ދަސްވެނިވުމުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.
ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ. އަދި ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ދަސްވެނިވުމަކީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެއިތުރުން މިއީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

-01.jpg&w=3840&q=75)
