މި ދައުރު ނިމުމުގެ ކުރިން ވެލިދޫ އައު ހޮސްޕިޓަލް ހުޅުވި، ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތް ލިބޭނެ: ވަޒީރު ގީލާ
8 އޮކްޓޯބަރު 2026 - 05:19

މި ދައުރު ނިމުމުގެ ކުރިން ވެލިދޫގައި ތަރައްގީކުރާ 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލު ހުޅުވިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވެލިދޫ ސިއްހީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފާއިތުވެދިޔަ 25 އަހަރު އެ މަރުކަޒުން ރައްޔިތުންނަށް ފޯރުކޮށްދީފައިވަނީ އަގުވަޒަންކުރަންޖެހޭ ފަދަ ޚިދުމަތްތަކެކެވެ. އަދި މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވަމުންދާ އިންގިލާބީ ތަރައްގީގެ ދަށުން، ވެލިދޫ ސިއްހީ މަރުކަޒުގެ ޚިދުމަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ގީލާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މުޅި އަތޮޅުގެ ސިއްހީ ޚިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ނ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫ ޚިދުމަތާއި، ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ އިތުރުން ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ޚިދުމަތްތައް ވަނީ ފުޅާކުރެވިފަ ކަން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތާއި، ކުޑަކުދިންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް މިހާރު ލިބެން ފަށާފައިވާއިރު، ނ. ކެނދިކޮޅުދޫގައި އަލަށް އިމާރާތް ކުރެވޭ ހޮސްޕިޓަލުގެ މަސައްކަތް ނިމި އަންނަ އަހަރު ޚިދުމަތްދޭން ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުގެ ލެބޯޓްރީ ނެތް ރަށްތަކުގެ ތެރެއިން 3 ރަށެއްގައި އެ ޚިދުމަތް ޤާއިމުކުރެވި، ބާކީ 5 ރަށުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
މި އިންގިލާބީ ތަރައްގީއަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިނިސްޓަރ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މި ޖަލްސާގައި ވެލިދޫ ސިއްހީ މަރުކަޒަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައި، އެކި ގޮތްގޮތުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަނީ އެވޯޑާއި ހަނދާނީ ފިލާ އަރުވާފައެވެ.

-01.jpg&w=3840&q=75)
