އެލްޖީއޭގެ ހިންގުމާއި މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް - އެލްޖީއޭ
8 އޮކްޓޯބަރު 2026 - 07:49

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުމާއި މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އަދި ސަރކިއުލަރ ތަކާއި އެއްގޮތަށްކަމަށް އެ އޮތޯރިޓީން ހާމަ ކޮށްފިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިބީދައިން މަޢުލޫމާތު އާންމުކުރީ، ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް އޮތޯރިޓީން ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ މަޢުލޫމާތާ ގުޅުވައި، ބައެއް ނޫސްތަކުގައި ޚަބަރު ޝާއިޢުކޮށްފައިވާކަން އޮތޯރިޓީއަށް ފާހަގަކުރެވެފައިވާ ކަމަށްބުނެ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އަދި އެ ޚަބަރުތަކުގައި، މި މައްސަލައާ ބެހޭގޮތުން އޮތޯރިޓީން މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރިނަމަވެސް، އެ މަޢުލޫމާތު ފޯރުކޮށްދީފައިނުވާކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.. އެހެންކަމުން، މި ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި، އޮތޯރިޓީންވަނީ ގިނަ ކަންތައްތަކެއް މި ނޫސްބަޔާނުގައި ހިމަނާފައެވެ..
އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 7/2010) ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ގޮފިތަކެއް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގައި ވަނީ ޤާއިމްކޮށްފައި ކަމަށެވެ. މި ބަދަލާއެކު، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި އެ އޮފީހުން އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާތައް ދެއްކުމާއި، އެ އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ ޚަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއަށް މަތިކޮށްފައިވާކަމަށާއި،.
އެ އޮތޯރިޓީގެ 2026 ވަނަ އަހަރަށް ދައުލަތުން ފާސްކޮށްދެއްވާފައިވާ ޖުމްލަ ބަޖެޓަކީ 37.3 މިލިއަން ރުފިޔާކަމަށެވެ. މި ބަޖެޓުން 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް 18.5 މިލިއަން ރުފިޔާ އޮތޯރިޓީ ހިންގުމަށާއި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ޚަރަދުކޮށްފައިވާކަމަށެވެ..
އަދި މިއަހަރަށް އެ އޮތޯރިޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައަޅާފައިވަނީ، އަތޮޅު ގޮފިތައް އޮތޯރިޓީއާ ޙަވާލުވުމުގެ ކުރިން، އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެންކަމަށެވެ. އެހެންކަމުން، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވާ އެ އޮތޯރިޓީގެ ބަޖެޓުގައި ހިމެނިފައި ނުވާކަމަށެވެ. މި ޙާލަތުގައި، އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބޭނުންވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް ގައި އެދުމުން، އެ އޮތޯރިޓީގެ ބަޖެޓަށް ފައިސާ އިތުރުކޮށް ދެއްވާފައިވާ ކަމަށާއި، އަތޮޅު ގޮފިތަކުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް އެ އޮތޯރިޓީން ކުރަމުން ގެންދަނީ އިތުރުކޮށް ދެއްވި ފައިސާގެ ތެރެއިންކަމަށެވެ. މި ގޮތުން 17 މެއި 2026 އިން ފެށިގެން އަތޮޅު ގޮފިތައް (ކުރީގެ އަތޮޅު ކައުންސިލްތައް) ހިންގުމަށް 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނޭ ކަމަށެވެ..
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގައި އޮތޯރިޓީގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާކަމަށް ފެންނަނީ، 2026 ވަނަ އަހަރަށް މިއޮތޯރިޓީއަށް ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ޚަރަދުތައް މި އޮތޯރިޓީގެ ޚަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީށެވެ. އަދި މި ޚަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާ އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ފަބްލިކް އެންޓަރޕްރައިސެސް އިން ކަނޑައަޅުއްވާފައިވާ ނިޒާމުގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށެވެ..
އޮތޯރިޓީގެ ހިންގުމާއި މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އަދި ސަރކިއުލަރ ތަކާއި އެއްގޮތަށްކަން އެ އޮތޯރިޓީން ކަށަވަރުކޮށްދެއެވެ. ލޯކަލް ގަވަމަނަޓް އޮތޯރިޓީގެ ކަންކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ފަރާތުން އަބަދުވެސް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި.
އަދި، އޮތޯރިޓީއާ ބެހޭ މަޢުލޫމާތު ޝާއިޢުކުރުމުގެ ކުރިން، އެ މަޢުލޫމާތުގެ ޞައްޙަކަން އޮތޯރިޓީއާ ގުޅައިގެން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން މި ނޫސްބަޔާނުގައި ދަންނަވާފައި ވެއެވެ..

-01.jpg&w=3840&q=75)
