logoEN
ޚަބަރު

ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން އެލްޖީއޭއިން ނިންމައިފި

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 04:12

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތައްޔާރުކުރާ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތަކުގެ ހުލާސާތައް އާންމުކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެލްޖީއޭގެ ހާމަކަން ބޮޑުކަން އިތުރުކޮށް، ކައުންސިލްތަކުގެ ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުކުރުމުގެ ބޭނުމުގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ އެލްޖީއޭއިން ތައްޔާރުކުރާ އިންކުއަރީ ރިޕޯޓުތަކުގެ ހުލާސާއެއް އާންމުކުރާގޮތަށް މިހާރު ހަމަޖައްސަވާފައިވާ ކަމަށާއި މިފަދަ ނިންމުމެއް ނިންމުމުގެ މައިގަނޑު ބޭނުމަކީ އެލްޖީއޭގެ ހިންގުން އިތުރަށް ހާމަކުރުމާއި، ކައުންސިލްތަކުގެ މަސައްކަތުގައި ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުކުރުން ކަމަށެވެ.

ގުޑް ގަވަރނެންސް އަދި ޓްރާންސްޕޭރެންސީ ކަށަވަރުކޮށް ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ، އަދި އެހައިމެ ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ.

މިގޮތަށް ނިންމި އިރު ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކްއަރީއަށްފަހު ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. މި އިންކުއަރީގައި ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާން ނަގާފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭއިން އާއްމުކުރި އިންކުއަރީގައި ބުނީ ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް މޭޔަރާއި މެންބަރުން އަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ 19 މައްސަލައެއް ބަލާފައިވާކަމަށްވެސް އެލްޖީއޭއިން ހާމަކުރެއެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ދައުލަތުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމުގެ މައްސަލަތަކާއި ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000 ރުފިޔާގެ ފީއެއް ނެގުމާއި ތިނަދޫ ސަރުކާރުން އަޅާ 200 ހައުސިން ޔުނިޓަށް މިނިސްޓްރީގެ ހުއްދައާ ނުލައި ކުރިމަތިލާން ހުޅުވާލުމުގެ މައްސަލަތައް ހިމެނެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނަގާފައިވާ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ނިންމިއިރު ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަހުމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށް އެންގެވުމަށް ވަނީ އަންގާފައެވެ.

އަދި ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ޒަލީފު އަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ގާނޫނާއި އެއްގޮތަށް ޕްރޮސެސް ކުރުމަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް

871x217_placeholder