logoEN
ޚަބަރު

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާ ވާނެ

ރާއްޖޭގެ މައި އެއާޕޯޓުގައި ފަތުރުވެރިންތަކެއް --

ރާއްޖޭގެ މައި އެއާޕޯޓުގައި ފަތުރުވެރިންތަކެއް --

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

22 އޮކްޓޯބަރު 2024 - 11:57

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން ނިންމުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އަދި، ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާވާނެ ކަމުގައި ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް، ރާއްޖެއަށް އެތެރެވެވޭނީ ވޭޕް ނުލައި ކަމަށާއި އެ ތަކެތި، ރާއްޖޭގެ ރިސޯޓުތަކުގައި ވެސް ބޭނުން ނުކުރެވޭ ކަމަށެވެ. އެކަމުގައި ވެސް އެންމެ މުހިންމީ، ގާނޫނު ތަންފީޒުކުރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނެވޭ ބަދަލުގެ ދަށުން، ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށާއި، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މީގެ ފަހުން ކުރާނީ ވެސް ފުލުހުން ކަމަށެވެ. މިހާރު އެ ގާނޫނުގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ އެޗްޕީއޭއިންނެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ވެސް މި އަންނަ މަހުގެ 15އިން ފެށިގެން މަނާ ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި އަދި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

އަދި ރާއްޖޭގައި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ، 21 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް

871x217_placeholder