11 ރަށެއްގައި އައިސްޕްލާންޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
19 އޮކްޓޯބަރު 2026 - 09:10

ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެއްބަސްވުމުގައި ފިޝަރިޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ. މެލޭޝިއާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ވިޖޭ ކޭ ޕިލާއީ އަދި ޑިރެކްޓަރު މުޙައްމަދު ތައުފީގު ބިނޮތްމާން އެވެ.
އައިސްޕްލާންޓް ގާއިމުކުރާ ރަށްތައް
ހއ. ދިއްދޫ
ކުޅުދުއްފުށި ސިޓީ
ށ. ކޮމަންޑޫ
ކ. ގާފަރު
އއ. ރަސްދޫ
މ. މުލައް
ދ. ހުޅުދެލި
ގއ. ނިލަންދޫ
ގއ. ވިލިނގިލި
ގއ. މާމެންދޫ
ގދ. ރަތަފަންދޫ
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަޝްރޫއު ނިމުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިންނަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

-01.jpg&w=3840&q=75)
