ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފި
25 އޮކްޓޯބަރު 2026 - 03:41

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަޚުރުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދީފިއެވެ.
ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރި 5 އުފެއްދުމަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2026 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ.
މުޅި މައުރަޒުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ހާސިލުކުރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން މަރިޔަމް ޝަހުމާގެ "މެމޮރީ އޮފް ދަ ޓައިޑްސް"، ލަކުޑީގެ އުފެއްދުންތަކުގެ ކެޓެގަރީން ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި"، ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން އުޝާ އާދަމްގެ "ތުނޑު ކުނާ"، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން މުޙައްމަދު ޔާނިއު ރަމީޒުގެ "އަވަސް އެޕް" އަދި އިމާރާތްކުރުމުގެ ދާއިރާއިން އާދަމް މަންޞޫރުގެ "ކަޅުވަކަރު މިސްކިތް" އެވެ. މި ވަނަތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ 3 އުފެއްދުމަކާއި ވިޔަފާރި ދާއިރާގެ 2 އުފެއްދުމެއް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ދީފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން 1 ވަނައަށް ހޮވުނު 116 ފަރާތާއި، 2 ވަނައަށް ހޮވުނު 95 ފަރާތާއި، 3 ވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން "ރަން 5 ވަނަ" ހިމެނެއެވެ. އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނައިން ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.
އެކި ދާއިރާތަކުން 1 ވަނަ ހޯދި ފަރާތްތަކަށް ބަލާއިރު، އަމިއްލަ ފަރުދުންގެ ދާއިރާއިން މާލެސިޓީގެ އޫޝާ ހަސަން، ވިޔަފާރި ދާއިރާއިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ، ތަޢުލީމީ ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން ވިމެން އެންޓްރަޕްރެނުއާޒް މޯލްޑިވްސް، ސަރުކާރު ކުންފުނިތަކުގެ ދާއިރާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ތ. ވިލިފުށީ ރެޑިއަމްގޭ ފާތިމަތު ޝަފަޤް ވަނީ 1 ވަނަ ހޯދާފައެވެ.
މިއަހަރުގެ މަޢުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ވޭތުވެދިޔަ އަހަރު 240 ފަރާތަކުން ގާތްގަނޑަކަށް 2,400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ. މަޢުރަޒުގައި ދައްކާލި އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން ހުށަހެޅި 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އުފެއްދުންތަކެއް ދައްކާލާފައިވެއެވެ. މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ.

-01.jpg&w=3840&q=75)
