ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 އޮކްޓޯބަރު 2024 - 11:13

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
މިގޮތުން، ނައްތާލާފައިވަނީ 1696 ބްރޭންޑެޑް ފުޅި، 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 64 އައިޓަމް ނައްތާލާފައިވެ އެވެ.

ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
8300 ފުޅި ބަނގުރަލާއި 177 ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓިފައިވާ ކަމަށާއި، މި ތަކެތީގެ އަގު 328 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާންވެސް އިއްޔެ ވަނީ ހާމަކޮށްފައެވެ.
މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަމަށާއި، ހިފަހެއްޓި މަސްތުވާކަތެއްޗަށް ބެލުމުން އެނގެނީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި އާދަ އަށަގެންފައިވާ މިންވަރުކަމަށެވެ.މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެއްޗާއި ގުޅޭ 2 ބިލެއްގެ މަސައްކަތް ނިންމާ މިހާރު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، މި ދައުރުގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.