ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
18 މޭ 2025 - 08:07

އެކި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިގޮތުން މެއި މަހުގެ 15 ވަނަ ދުވަހު ނައްތާލާފައިވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2024 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ނައްތާލާފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.