ތޮއްޑޫ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތް ފަށަން ތައްޔާރުވެއްޖެ.
މުބާރާތުގައި ބައިވެރިވާ އަމީގޯސް ފުޓްސަލް ޓީމު، ޤައުމީ ފުޓްސްލް ޓީމުގެ ކޯޗު އަބޯއާއެކީ. ފޮޓޯ: މުޙައްމަދު މާޒިން
24 އޮކްޓޯބަރު 2024 - 03:32
ތޮއްޑޫ ރަށު ކައުންސިލުން ކުރިޔަށް ގެންދާ ސިލްސިލާ ފުޓްސަލް މުބާރާތުގެ ދެވަނަ މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ. ދެ ޑިވިޝަނަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމު އަދި ފިރިހެން ފަސްޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ ފްލެމިންގޯ އެފް.ސީ ،ވިންގްސް އަދި ދޮންދޫނި އެވެ. ފިރިހެން ޑިވިޝަންގައި ޖުމްލަ ފަސް ޓީމު ބައިވެރިވއެފައިވެއެވެ. އެ ޓީމުތަކަކީ އެފް.ސީ އަމީގޯސް، ގޯލްޑް ފިޝް، ފްލެޝް، އަމީގޯސް އެސް.ސީ އަދި ކާންޓް ޕްލޭ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވާ ޓީމުތައް.
މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވާ ޓީމުތައް.
މި މުބާރާތުގެ ދެ ޑިވިޝަންވެސް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއްވެސް މުބާރާތުގައި ބައިވެރިވާ އެހެނިހެން ހުރިހާ ޓީމުތަކާއި ދެކޮޅަށް ކުޅޭނެއެވެ. އަދި ލީގު ރައުންޑް ނިމުމުން 1 ވަނަ އަށް އަންނަ ޓީމަށް ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ޓޭބަލް ގެ 2 ވަނަ އަދި 3 ވަނަ އަށް ދާ 2 ޓީމް ގެ ދެމެދުގައި ސެމީ ފައިނަލެއް ކުޅެ ފައިނަލް މެޗުގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިމަހު 25 އިން 31 އަށް ތޮއްޑޫ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ މަޤުސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރި ކަމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމުގައި އެހީތެރިވުން ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ.
މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އެފް.ސީ އަމީގޯސް އާއި އަމީގޯސް އެސް.ސީ އެވެ. މި މެޗު ފަށަން ހަމަ ޖެހިފައިވަނީ މި މަހު 25 ވާ ހުކުރުދުވަހުގެ ރޭގަނޑު 08:30 ގަ އެވެ.