ބީ.އެމް.އެލް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024 ފަށައިފި
އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން 2023 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަން ތަށި އުފުލާލަނީ. ފޮޓޯ: އެން.އެން.އެސް.ޔޫ މީޑިޔާ
24 އޮކްޓޯބަރު 2024 - 21:35
މަތީތަޢުލީމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން، އެމް.އެން.އެސް.ޔޫއިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް، "ބީ.އެމް.އެލް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024" ބުރާސްފަތި ދުވަހުގެރޭ ފަށައިފިއެވެ. ކުލަގަދަ ރަސްމިއްޔާތަކާއިއެކު ފެށި މި މުބާރާތުގެ ހުޅުވި ވިކްޓްރީ ޝީލް މެޗުގައި ބައްދަލުކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ އެޑިޝަންގެ ޗެންޕިއަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި 2022 ވަނަ އަހަރުގެ ޗެންޕިއަން މެޕްސް ކޮލެޖެވެ. މި މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ގޯލް ޖަހައިގެން މެޗު ކާމިޔާބުކޮށްފައިވަނީ މެޕްސް ކޮލެޖެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޕޮލިޓެކްނިކާއި ފެކަލްޓީ އޮފް ހޮސްޕިޓާލީޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްއެވެ. މި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ޕޮލިޓެކްނިކުންނެވެ. ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކޮށްފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޮލޮޖީއާއެވެ. މި މެޗުވަނީ 2-2 އިން އެއްވަރުވެފައެވެ.
އޮކްޓޯބަރު 2024 އިން 08 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ދެ ޑިވިޝަނަކުން ޖުމްލަ 30 ޓީމު ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން ޑިވިޝަންގައި 18 ޓީމަކާއި އަންހެން ޑިވިޝަންގައި ޖުމްލަ 12 ޓީމެކެވެ. މި މުބާރާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޑިވިޝަނެއްވެސް ވެސް 4 ގުރޫޕަކަށް ބަހާލައިގެން ލީގު އުސޫލުންނެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށް 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތުގެ 10 ވަނަ އެޑިޝަންއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގައި މަތީތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.