5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައިފި
24 އޮކްޓޯބަރު 2024 - 06:22
މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު، މި އަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަޕްލަމެންޓަރީ ބަޖެޓް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މިއަހަރަށް ފާސްކޮށްފައިވާ ދަޢުލަތުގެ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެކެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓު އެކުލަވާލިއިރު މަޝްރޫޢުތަކަށް އާދަޔާ ޚިލާފު ދަށް ޢަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށާއި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވުމާއި 2023 ގެ ހިސާބުތައް އެކައުންޓްކުރުމުގައި ބޮޑެތި އަދަދުން ފަރަގުހުރިކަމަށް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވަނީ ބެޖެޓު ހުށަހަޅުއްވާދެއްވަމުން ވިދާޅުވެފައެވެ.
އެއާއެކު 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ސަޕްލިމަންޓުކުރުމަށް ހުށަހަޅާފައިވަނީ ޖުމުލަ 5,119,508,129 (ފަސް ބިލިއަން ސަތޭކަ ނަވާރަ މިލިއަން ފަސް ލައްކަ އަށް ހާސް އެއް ސަތޭކަ އޮނަތިރީސް ) ރުފިޔާގެ ބަޖެޓެކެވެ.
ސަޕްލިމެންޓަރީ ބަޖެޓުން އިތުރު ކޮށްފައިވާ ކަންކަމަކީ:
•ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
•ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
•ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
•ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
•މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
•ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
•ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
•މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
2024 ވަނަ އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އިތުރު 335.3 މިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި އިތުރު 199.3 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމުން އިތުރު 61.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.