logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ރިޕޯޓް

ޑިޖިޓަލް ޒަމާނުގެ އޮއިވަރުގައި ދަރިންގެ ތަރުބިއްޔަތު: ގޮންޖެހުންތަކާއި އަސާސްތައް

އައިމިނަތު ސަދާނާ
9 ނޮވެމްބަރު 2026 - 06:46
ޑިޖިޓަލް ޒަމާނުގެ އޮއިވަރުގައި ދަރިންގެ ތަރުބިއްޔަތު: ގޮންޖެހުންތަކާއި އަސާސްތައް

ދުނިޔެ މިއަދު މިވަނީ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ހަލުވި ބަދަލުތަކެއްގެ ތެރެއަށް ފީނައިގެންފައެވެ. ކާފަޔާއި މާމަގެ ޒަމާނުގައި ދަރިން ބެލެހެއްޓުމަށް ބޭނުންކުރި ސާދާ އުސޫލުތައް މިއަދު މިވަނީ މުޅިންހެން ބަދަލުވެފައެވެ. އިހުގައި ކުދިން ކުޅެ، އުފާކޮށް އުޅުނީ ގޯތިތެރޭގެ ވެލިފަސްގަނޑުގައްޔާއި ގޭދޮށުގެ މަގުތަކުގައެވެ. ނަމަވެސް މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. ޒަމާނީ ޕޭރެންޓިން ނުވަތަ މިޒަމާނުގެ ދަރިން ބެލެހެއްޓުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ފުން ނުފޫޒާއި، އިޖްތިމާޢީ ވިސްނުންތަކާއި އުއްމީދުތަކަށް އަންނަ ބަދަލުތަކާ ގުޅިލާމެހިފައިވާ ކަމެކެވެ. މީގެއިތުރުން، އިންޓަނެޓާއި އެހެނިހެން ޒަމާނީ ވަސީލަތްތަކުން ތަފާތު މަޢުލޫމާތުތައް ފިތަކަށް އޮބާލާހާ ފަސޭހަކަމާއެކު ލިބެން ހުރުމަކީ ވެސް މިއަދުގެ މައިންބަފައިންގެ ތަރުބިއްޔަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނުވި މުހިންމު ސަބަބެކެވެ.

މި ޒަމާނުގެ މައިންބަފައިންނަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކްރީންތަކުގެ ޖާދޫގައި ޖެހިފައިވާ ދަރިން އެ ދަލުން ސަލާމަތްކުރުމެވެ. ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކަކީ ކުދިން ހަމަހިމޭންކޮށް ބޭތިއްބުމަށް ބައެއް ފަހަރު ބޭނުންކުރެވޭ "ޑިޖިޓަލް ބެބީސިޓަރ" އެއްގެ ގޮތުގައި ވިޔަސް، އޭގެ ނަތީޖާ ވަރަށް ހިއްޗެވެ. އެހެންކަމުން، ކުދިންގެ ސްކްރީން ޓައިމް މެނޭޖްކުރުމަކީ މިއަދު ކޮންމެ ގެއެއްގައިވެސް ކުރަންޖެހިފައިވާ ބޮޑު ހަނގުރާމައެކެވެ. މީގެއިތުރުން، ވާޗުއަލް ދުނިޔޭގެ އަނދިރި ފަރާތްތަކާއި، ސައިބަރ ބުލީއިންގ އަދި ނޭދެވޭ މައުލޫމާތުތަކުން ދަރިން ރައްކާތެރިކޮށް، އޮންލައިން ސޭފްޓީ ނުވަތަ ޑިޖިޓަލް މާހައުލުގައި އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު ޒިންމާއެކެވެ. ދަރިފުޅު އިންނަނީ ކޮޓަރީގައި ތަޅުލައިގެން ކަމަށް ވިޔަސް، އިންޓަނެޓްގެ ޒަރީއާއިން މުޅި ދުނިޔެ އެ ކުއްޖާގެ ކުރިމައްޗަށް ހުޅުވިފައި އޮންނަކަން ދެނެގަނެ ފާރަވެރިވާން ޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޒީއާ އަޅާބަލާއިރު، މިޒަމާނުގައި ދަރިން ބަލައިބޮޑުކުރުމުގައި ގެންގުޅޭ އަމާޒަށް ވެސް ވަނީ އިންގިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ކުރީގެ ވިސްނުމަކީ ކޮންމެ ކުއްޖަކީވެސް ޑޮކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށް ވާން މަޖުބޫރުކުރުމާއި، އިމްތިޙާނުގެ ރިޕޯޓް ފޮތުގައި ހުންނަ މަތީ މާކްސްތަކަކީ ކުއްޖާގެ ހަމައެކަނި އަގު ކަމުގައި ބެލުމެވެ. ނަމަވެސް މިއަދު އެ ވިސްނުން ވަނީ މުޅިން ބަދަލުވެފައެވެ. މިހާރު އިސްކަންދެވެނީ ހަމައެކަނި ތަޢުލީމީ ކާމިޔާބީއަށް ވުރެ ބޮޑަށް، ކުއްޖާގެ އަމިއްލަ ޝައުޤުވެރިކަމާއި، ޤާބިލުކަމާއި، ފަންނީ ހުނަރުތަކަށް ޖާގަދީގެން އެކަންކަމަށް ވާގިވެރިވުމަށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރެއް ލިބިފައިވާ ޚާއްޞަ ކުއްޖެއްކަން ދެނެގަނެ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އުފެއްދުންތެރިކަމުގެ އިތުރުން ޖަޒުބާތީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަކީ ޒަމާނީ ބެލެނިވެރިކަމުގެ މައިގަނޑު ރޫޙެވެ.

އެހެންނަމަވެސް، މިއަދުގެ ދިރިއުޅުމުގެ ވާދަވެރި ދުވެލި ހުންނަ ގޮތުން މައިންބަފައިންނަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިޙާނަކީ ވަޒީފާގެ މައިދާނާއި ގޭތެރޭގެ މަސްއޫލިއްޔަތުތައް އެއްހަމައެއްގައި ހިފެހެއްޓުމެވެ. ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދެމަފިރިން ދުވާލުގެ ބޮޑުބައި ވަޒީފާގައި ހޭދަކުރަން ޖެހުމުން، ދަރިންނަށް ދޭންޖެހޭ އަޅާލުމާއި 'ކޮލިޓީ ވަގުތު' ދިނުމަކީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ. މީގެއިތުރުން، ސޯޝަލް މީޑިއާއިން ފެންނަ "ފުރިހަމަ ޢާއިލާ" ތަކުގެ ދަޅަތަކާއި، އޮންލައިން ޕްލެޓްފޯމްތަކުން ލިބޭ އެކިކަހަލަ ޕޭރެންޓިންގ ނަޞޭޙަތްތަކުގެ ސަބަބުން، މައިންބަފައިންގެ ހިތުގައި އަމިއްލަ ނަފްސާމެދު ޝައްކު އުފެދި، އޮޅުންބޮޅުންތަކާއި ނަފްސާނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހޭ ފަހަރުތައް މަދެއް ނޫނެވެ.

މި ހުރިހާ ގޮންޖެހުންތަކާއި ޒަމާނީ ބަދަލުތަކުގެ ތެރޭގައިވެސް ހަނދާން ބަހައްޓަންވީ އެއް ޙަޤީޤަތަކީ، ޓެކްނޮލޮޖީއަށް ދުވަހަކުވެސް މައިންބަފައިންގެ ލޯތްބާއި ކުލުނުގެ ބަދަލު ނުދެވޭނެ ކަމެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު، މުސްތަޤުބަލުގެ ގޮންޖެހުންތަކަށް ފިސާރި ކެރިގެން ކުރިމަތިލާން އިތުބާރުކުރާ، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެ މިނިވަން، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދަރިންތަކެއް ބިނާކުރުމަށް މައިންބަފައިން ހޭލުންތެރިވާން ޖެހެއެވެ. އެހެންކަމުން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ ބިންގަލުގެ މަތީގައި ދަރިން ބައްޓަންކުރުމާއި، އެކުދިންނަށް އަޑުއަހާނެ ކަންފަތަކާއި ރައްކާތެރިކަން އިޙްސާސްވާނެ ހޫނު އުނގުތަކެއް ފޯރުކޮށްދިނުމަކީ ކިތަންމެ ޒަމާނެއް ބަދަލުވިޔަސް، ދުވަހަކުވެސް ބަދަލުނުވާނެ އަދި ބަދަލުވެގެން ނުވާނެ މައިންބަފައިންގެ މައިގަނޑު އަސާސީ މަސްއޫލިއްޔަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިޖިޓަލް ޒަމާނުގެ އޮއިވަރުގައި ދަރިންގެ ތަރުބިއްޔަތު: ގޮންޖެހުންތަކާއި އަސާސްތައްރިޕޯޓް | 4 ދުވަސް ކުރިން