logo
MPL

MPL

ޚަބަރު

ހިދުމަތުގެ އެންމެ މަތީ ޝަރަފް ޑރ. މުހައްމަދު ރަޝީދާއި އައްބާސްއަށް

އަޙުމަދު ރަމީޒު
19 ނޮވެމްބަރު 2026 - 16:29
ހިދުމަތުގެ އެންމެ މަތީ ޝަރަފް ޑރ. މުހައްމަދު ރަޝީދާއި އައްބާސްއަށް

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފް، ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން އައްބާސް އިބްރާހީމަށް އަދި އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް މިރޭ އަރުވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އައްބާސްއަށާއި މުހައްމަދު ރަޝީދަށް ޝަރަފުވެރިކަމުގެ އެންމެ މަތީ އިނާމު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އާލަސްކަންފުޅާ އުޅުއްވާތީ މުހައްމަދު ރަޝީދުގެ ފަރާތްޕުޅުން އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަލުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްބާސް އިބްރާހީމްގެ ތައާރަފް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ހިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޒެކެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް އައްބާސްގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ. ހަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު އައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ހަބަރު ލިޔުއްވަން ފެށްޓެވިއެވެ. ބޭރުގެ ހަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް އައްބާސް އިބްރާހީމް ކުރެއްވި އެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހި ބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވި އެވެ.

ދިވެހިބަހަށް އެންމެ ގިނަ ހިދުމަތެއް ކުރެއްވުމުގެ ފުރުސަތު އައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ، 22 ޑިސެމްބަރު 1996ގައި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ. އޭގެފަހުން އެ މަޖިލީހުގެ ނަން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވި އެވެ. އެ މަގާމުގައި ހިދުމަތް ކުރެއްވި 12 އަހަރެއްހާ ދުވަހު، ދިވެހިބަހަށް ހިދުމަތް ކުރުމުގެ ރޮނގުން ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް އައްބާސް ކުރެއްވިއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއްކަމަކީ 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެއްވުމެވެ. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އައްބާސް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެކެވެ.

އެމަނިކުފާނު ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ހިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާ ގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެވެ. ދިވެހިބަހުގެ އެކެޑަމީގައި އޮންނަ "ބަސްކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އެ މަނިކުފާނެވެ. މީގެއިތުރުން ވާހަކަ ލިޔުއްވުމާއި، އެކިއެކި މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަފޮތް ލިޔެ ޝާއިއު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިއު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް އައްބާސް އިބްރާހީމްގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެ އެވެ.

1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ އައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. ހަމައެއާއެކުގައި ޕްރޮގުރާމްތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް އަދި މި ރޮނގުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކުގައި އައްބާސް އިބްރާހީމް ކޮށްދެއްވި ހިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައި، އެކަމުގެ ޝަރަފު އަރުވާފަ އެވެ. މިގޮތުން ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985 ވަނަ އަހަރު، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު އައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިނިވަން 25ގެ އިނާމުވެސް 1990 ވަނަ އަހަރު ޢައްބާހަށް ލިބިވަޑައިގެންފައިވެ އެވެ.

ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" ވެސް އައްބާސްއަށް ލިބިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން މީޑިއާ ކައުންސިލުން ދެއްވި "ހަޔާތުގެ އަރުތަ" އިނާމުވެސް އައްބާސް އަށް ލިބިވަޑައިގެންފައިވެ އެވެ.

އައްބާސް އިބްރާހީމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 26 ޖުލައި 2013 ގައެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމް

މިޞްރުގެ ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށާއި، ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްޕުޅުތަކެއް ޢަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެފަހުން، އެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 15 ޖަނަވަރީ 1987 ގައި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ހަމަޖެއްސުވުމާއެކު، އެ މަގާމުގައި ހުންނަވައިގެން، އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި އެ މަދަރުސާގެ މުޤައްރަރު އަލުން މުޠާލިޢާ ކުރައްވައި، ޘާނަވީ ތަޢުލީމުން ފެށިގެން ޢަރަބިބަހުން ތަޢުލީމުދޭ މަދަރުސާއަކަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި ޢަމަލީގޮތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމްގެ ޢިލްމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ފެށްޓެވި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޓީގައި އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި ޚިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވިއެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުގައިވެސް ތަފާތު އެތައް މައުޟޫޢަކަށް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ޢިލްމީ ތަޤްރީރުތައް ކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްއިން ފޮނުވަމުން ގެންދެވި ދީނީ އެކިއެކި ޕުރޮގުރާމުތަކުގައްޔާއި، ޢިލްމީ ބަޙުޘްތަކުގައި އެ މަނިކުފާނު ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، ހުކުރު ޚުޠުބާވެސް ގިނަ އަދަދަކަށް ލިޔުއްވި ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" މި ނޫހަށް އެކިއެކި މައުޟޫޢުތަކަށް ކޮންމެ ހަފުތާއަކުވެސް ލިޔުއްވަމުން ގެންދެވިއެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށްވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެތަންތާނގައި ހިންގި ތަފާތު ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި އަދި ދަރިވަރުންގެ މަޤްބޫލުކަމާއި ތާރީފު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދަރިވަރުންނަށް ހެޔޮއެދިވަޑައިގަންނަވާ، ޢިލްމީ މައިދާނުގައި ފުންނާބު އުސް އުސްތާޛެކެވެ. ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، ދީނީ އަދި ޢިލްމީ ވަރަށްގިނަ ފޮތްފޮތް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން ދީނީ ވާހަކަ އަދި ސިލްސިލާއެއްގެ ގޮތުގައި ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން، ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ބައެއް ފޮތް ލިޔުއްވައިފައި ވެއެވެ. ބޭރުގެ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކުގައިވެސް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ. އަދި ބައިނަލްއަގުވާމީ ބައެއް ކޮންފަރެންސްތަކުގައިވެސް ރާއްޖެ ތަމްސީލު ކުރައްވައިފައި ވެއެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 10 ނޮވެންބަރު 2008 ގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިދުމަތުގެ އެންމެ މަތީ ޝަރަފް ޑރ. މުހައްމަދު ރަޝީދާއި އައްބާސްއަށްޚަބަރު | ގަޑިއިރެއް ކުރިންޖުމްހޫރީ ދުވަހުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 19ގައިޚަބަރު | 24 ދުވަސް ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ދެއްވައިފިޚަބަރު | 2 އަހަރު ކުރިން