ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ފަށައިފި
23 ނޮވެމްބަރު 2026 - 06:52
.webp&w=3840&q=75)
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް އާދިއްތަ ދުވަހު ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިހިނގާ ނޮވެމްބަރު މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ގީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވާނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުންނެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ޤައުމީ ފެންވަރުގައި އަވަސް ޙައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުޞޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ކޮންފަރެންސްގެ މަޝްވަރާތަކާއި ޙައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން.
ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން.
އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތައް.
ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން.
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް.
މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން.
މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓުނަރަކީ އުރީދޫ މޯލްޑިވްސްއެވެ.

-01.jpg&w=3840&q=75)
