ގައުމު ބަނގުރޫޓުކޮށްލި ބަޔަކު ދޭނެ ލަފައެއްނެތް: މިނިސްޓަރ ޝިޔާމް
28 އޯގަސްޓު 2024 - 10:24

ގައުމު ބަނގުރޫޓުކޮށްލި ބަޔަކު ދޭނެ ލަފައެއްނެތް ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ސަރުކާރު ހިންގާ މައި ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާަހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ޑަބަލް ޑިޖިޓުން ނުވަތަ ދެއަދަދުން ބަޖެޓެއް ޑެފެސިޓް ކުރީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެހެން ކަމުން އެބޭފުޅުންގެ ޚިޔާލާއި ލަފާ ހޯދައިގެން ރައްޔިތުން އަނދަވަޅަކަށް ވައްޓާލަން ބޭނުންފުޅުނުވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
އެމްޑީޕގެ އިސްވެރިން ތަފާތު އެކި އެކި ޕޯޑިއަމްތަކުގައި މިސަރުކާރުން އެމްޑީޕީގެ ލަފާ އަޑުނާހާކަމަށް ބުނެދައްކަމުން ގެންދާ ވާހަކައާއި ގުޅުވައި މިނިސްޓަރ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެކި ފަހަރު މަތީން މިދިޔަ ސަރުކާރަށް ފައިސާ ޗާޕުނުކުރުމަށް އާދޭސް ދެންނެވިކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅުވައި ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށްފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރަށް އަސާސީ ޚިދުމަތްތައް ދިނުމަށް ކަނޑައެޅިފައިވާ އިމާރާތްތަކަށް ޙަރަދުކޮށްފައިވަނީ ވޯލްޑް ބޭންކް ގެ އެންގުންތަކާއި ލަފައާއި ޙިލާފަށް ކަމަށް ވެސް މި ބައްދަލުވުމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިހާރު މިއޮތް އިގްތިސާދީ ހާލަތު ބަދަލުކުރުމުގެ ގޮތުން ސަރުކާރުން ދަނީ އެކި ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އާސަންދަ، އެންސްޕާ އަދި ސަބްސިޑީއަށް ގެންނަން ޖެހޭ އެކަށީގެންވާ ބަދަލުތައް ވަރަށް އަވަހަށް ގެންނަވާނެ ކަމަށް ވެސް ސަރުކާން ވަނީ ހާމަކުރައްވާފައެވެ.


