އައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ
2 މޭ 2026 - 13:11

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި އައިއޯޓީސީގެ 30 ވަނަ ސެޝަންގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައި ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސްގފަރާތްތަކުން ބައިވެރިވެވާނެ ކަމަށް ބުނެއެވެ.

Ad by Hajj Corporation
އެ މިނިސްޓްރީން ވަނީ އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރިއެވެ.
އައިއޯޓީސީގެ މައި ބައްދަލުވުމުގެ އިތުރުން، އެ ކޮމިޝަންގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައްވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި:
• އައިއޯޓީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައިއޯޓީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައިއޯޓީސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.
އެ ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަޙައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއި، މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.


