އޮޑިޓްތައް ފުރިހަމަ ނުކުރެވެނީ އެއާޕޯޓްތަކުގެ ބިމުގެ ރެޖިސްޓްރޭޝަންތައް ނުލިބޭތީ: އާރްއޭސީއެލް
އާރްއޭސީއެލް އިން ހިންގާ ހޯރަފުށި އެއާޕޯޓް -- ފޮޓޯ: އާރްއޭސީއެލް
29 އޮކްޓޯބަރު 2024 - 11:47
ފާއިތުވު ދެ އަހަރުގެ އޮޑިޓްތައް ފުރިހަމަ ނުކުރެވުނީ އެއާޕޯޓްތަކުގެ ބިމުގެ ރެޖިސްޓްރޭޝަންތައް ނުލިބޭތީ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ބުނެފިއެވެ.
އާރްއޭސީއެލް އިން މިހެން ބުނެފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ރިޕޯޓުގައި އެކުންފުނީގެ ފާއިތުވި ދެ އަހަރުގެ އޮޑިޓްތައް ފުރިހަމަ ނުކޮށް ހުރިކަމަށް ބަޔާންކުރުމުގެ ސަބަބުންނެވެ.
އެގޮތުން އެކަމާއި ގުޅިގެން އާރްއޭސީއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މާލީ ހިސާބުތަށް ތައްޔާރުކުރުމަށްޓަކައި އެ ކުންފުނިން އަބަދު ވެސް، އޮޑިޓަރުންނަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާކަމަށާއި ޕީސީބީ ގެ އެނުއަލް ފައިނޭންޝަލް ރިވިއުގައި ފާހަގަކޮށްފައިވާ ކަންކަމަކީ 2023 ވަނަ އަހަރުގެ ބަދަލުގައި 2021 ވަނަ އަހަރެގެ މާލީ ބަޔާނުގައި ފާހަގަ ކޮށްފައިވާ ކަންކަން ކަމަށެވެ.
2021 ވަނަ އަހަރުގެ ފަހުން އޮޑިޓް ރިޕޯޓް ފުރިހަމައަށް ނިންމާނުލެވިފައިވަނީ އެ ކުންފުނީގެ ވެލިއުއޭޝަންއާއި ގުޅުންހުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށާއި ވެލިއުއޭޝަން ނިންމުމަށްޓަކައި ބޭނުންވާ އެއާޕޯޓްތަކުގެ ބިމުގެ ރެޖިސްޓްރޭޝަންތައް މިއަދާ ހަމައަށް ވެސް މިކުންފުންޏަށް ލިބިފައެއްނުވާކަމަށް ވެސް އާރްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި އެކަމަކީ 100 ޕަސެންޓް އާރްއޭސީއެލްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫންކަމަށާއި އެކަމާ ގުޅޭގޮތުން އެއާޕޯޓްތަކުގެ ރެޖިސްޓްރޭޝަންތަށް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރުވެސް ކުރަމުންދާ ކަމަށް އާރްއޭސީއެލް ގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.