ފެލިވަރަށް 47 އަހަރު, އަދިވެސް އޮތީ އޮތްގޮތަށް – މިނިސްޓަރ
30 އޮކްޓޯބަރު 2024 - 09:34

ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހަރުވެފައިވާ ކަމަށާއި، ނަމަވެސް ރާއްޖޭގައި މަސް ގަންނަ ވަސީލަތްތައް މިހާތަނަށް ތަރައްޤީ ކުރެވިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ރައްކާ ކުރުމަށާއި އަގު އެއްކުރުމަށް ކެޕޭސިޓީ ނެތުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ މަސް ސްޓޯރޭޖު ނުވަތަ ރައްކާކުރާ ކެޕޭސިޓީއަކީ 8500 ޓަނު ކަމަށާއި، މި ސަރުކާރުން މަސް ރައްކާކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން،މި ދައުރު ނިމޭއިރު މަސް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަތައް ކުރީ ސަރުކާރުން ދެއްކި ނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. މިފްކޯގެ ތަރައްގީއަށް އައިއެސްޑީބީގެ ފަންޑިން ހަމަޖެހިފައިވާ ކަމަށާއި، އެ ފަންޑިންގެ ތެރެއިން އަންނަ އަހަރުގެ ކުރީކޮޅު އެ ފެސިލިޓީގެ ކެޕޭސިޓީ 2500 ޓަނަށް އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Hajj Corporation
މީގެ އިތުރުން ގދ ތިނަދޫގައި ޤާއިމުކުރާ ފެސިލީޓިއަކީ ހުވަދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ފެސިލިޓީއެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އެތަންވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.


