އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ފަށަނީ

މެމަބަރު ފަލާހް

10 ނޮވެމްބަރު 2024 - 12:03
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް އެޖެންޑާކޮށްފިއެވެ.
މިކަން ހާމަކޮށް ޕީއެންސީގެ ޕީޖީ ލީދަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށްފަހު ކަމާ ގުޅުން ހުރި އިދާރާތަކުގެ ކޮމެންޓްވެސް ބިލާމެދު ހޯއްދަވާނެކަމަށެވެ. ފަލާހު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ކުރާނެ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ބިލުގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައެޅުމާއިބިލަށް އިތުރަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަަސައްކަތްތައްކަމަށެވެ.
މި ބިލަކީ ގަލޮޅު ދެކުނު ދައިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައިވާގޮތުން އިސްރާއީލްގެ ރައްޔިތުންނާއި އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ރާއްޖެ އެތެރެއެއް ނުވެވޭނެއެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.
އަދި އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.