މަސްތުވާތަކެތި ބޭނުންކުރާ 47 މީހުން ފަރުވާ ނިޒާމުގެ ތެރެއަށް ވައްދައިފި
13 ނޮވެމްބަރު 2024 - 10:47

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަކާއެކު މަސްތުވާތަކެތި ބޭނުންކުރާ 47 މީހުން ފަރުވާ ނިޒާމުގެ ތެރެއަށް ވައްދާފައިވާކަމަށްނެޝަނަލް ޑްރަގް އެޖެންސީ އިން ބުނެފިއެވެ.
އެންޑީއޭއިން ބުނީ، އެ އޮޕަރޭޝަން ނިންމާލުމަށް ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެކަމަށް އެންޑީއޭއިން ބުނެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
އަމާޒަކީ ފަރުވާއަށް ގެނެވޭ މީހުންނަށް ފަރުވާ ދިނުމަށްފަހު އަނބުރާ މުޖުތަމަޢަށް ނެރުން ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ . އަދި އެމީހުން މުޖުތަމަޢަށް ނެރުމަށްފަހުވެސް އެ މީހުންނަށް ބޭނުންވާ އާފްޓަރކެއަރ ދެވޭނެކަން އެއެޖެންސީން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ޑްރަގް އޮފެންޑަ ރިމާންޑް މަރުކަޒުތައް ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ. މި މަރުކަޒުތަކަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ރިހިބިލިޓޭޝަން ފަރުވާދީ، އަލުން އަނބުރާ މުޖުތަމައު ތެރެއަށް ނެރުމުގެ މަޤްސަދުގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ މަރުކަޒުތަކެކެވެ.