ދޮގު ދޮލަނގު ބޮލަށް ލައިގެން ކަނޑުވިއްކާލުން

15 ނޮވެމްބަރު 2024 - 12:48

ދޮގު ދޮލަނގެއްގެ ވާހަކަ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން ފެށިގެން މިއަދާއި ހަމައަށް ވެސް އިވެމުންދާތީ އެ ދޮލަނގާއި، އެ ދޮލަނގު އުފުލާ މީހާއާއިމެދު ނަޒަރުހިންގައި، ހޯދައި ބަލައިލަން ޖެހުނީއެވެ. އެކަމުގެ އެއް ސަބަބަކީ ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުމެ ޤައުމުގެ ކަންކަން ކުރިމަގުގައި ނިންމާއިރު ހެވާއި،ނުބައި ދެނެގަނެ ތިބެން އެދޭނެތީއެވެ. ޤައުމުގެ އާރާއި ބާރުލިބިތިބެ މީހުން ކަންކުޅަގޮތާއި، އަލުން ބާރު ހޯދަން ކަންކުރާގޮތް އެނގިތިބެ، ރައްޔިތުންގެ ނިންމުންތައް ނިންމަން ފަސޭހަކޮށްދިނުމަކީ މި ހޯދުމުގެ އަނެއް މަޤްޞަދެވެ.
މިކަން ހޯދައިލަން ސިޔާސީންނާއި އަނގަތަޅައިލައި ހެދުމުން އެނގުނުކަންކަން ކިޔުންތެރީންނާއި ހަމައަށް ތިލަކޮށްލުމަކީ ގަލަމެއްގެ ވެރިއެއްގެ ޒިންމާއެއްކަމަށް ދެކި އެ ނިޔަތުގައި އަންނަނިވި ކަންކަން ހިމަނާލީމެވެ.

Ad by Hajj Corporation
ޖޫން 2021
ރާއްޖޭގެ އެއިރުގެ ޚާރިޖީ ވަޒީރަށް ދުނިޔޭގެ މަތިވެރި މަޤާމެއް ލިބި، ޤައުމު ފަޚުރުވެރިވެއްޖެއެވެ. އޭގެ ފަހަތުގައި އަންނާން ހުރިކަންކަން ނޭނގިތިބި ކަތުން އަތްޖަހައި ސަނާ ކިޔައި އުޅެފިއެވެ. ޚުދު އަހުރެންނަށް ވެސް އެކަމުން ލިބުނު އުފަލެއް ބަޔާންކޮށްދިނުމަށް ނޭނގުނެވެ. ދޮގު ދޮލަނގުގެ ވާހަކަ ތިލަކޮށްލަށް ކޮނެލުމާއި ހަމައަށެވެ. އެ ކޮނުމުން ފަސް އަރަމުން ދިޔަ ވަރަކަށް ފަޚުރަކަށް ދެވުނު ދަރަޖަ ޣައްދާރެއްގެ ގިންތި އަށް ތިރިކޮށްލެވިއްޖެއެވެ.
ފަރުދާގެ ފުރަގަސް
އެ މަގާމަށް ވަޑައިގެންނެވުމާއެކު، މަގާމުގެ މުގާބިލުގައި ކުރާންޖެހުނު އެއް ކަމަކީ އަމިއްލަ ވަތަންގެ ބަޔެއް، ކަނޑުގެ ބަޔެއް އެހުމެއްކެހުމެއްނެތި ދޫކޮށްލުމެވެ. ޤާނޫނުއަސާސީ އޮތް ތާނގައި އޮތީއެވެ. ރައްޔިތުންގެ މަޖިލިސް ވެސް އޮތީއެވެ. ރައްޔިތުން ވެސް ތިބީއެވެ. 28 އޭޕްރިލް 2023 ގައި ކަން ނިންމާލިއިރު އިގްތިސާދީ ސަރަހައްދު ފުށުއަރާކަމަށް ބުނެ 95،000 އަކަ ކިލޯމީޓަރުން 45،331 އަކަ ކިލޯ މީޓަރު ވަނީ ދިވެހިން އަތުން ބީވެފައެވެ. ބުނެވޭ ގޮތުގައި އެއީ ހަމައެކަނި މަގާމުގެ މުގާބިލުގައި ހިނގިކަމެއްނޫނެވެ. މިލިއަން ޑޮލަރާއި ގުޅިފައިވާ ވިޔަފާރިއެކެވެ. މިއީ ތުހުމަތެއް ނަމަވެސް ''ދޮގު ދޮލަނގު'' ހިއްޕަވައިގެން އުޅުއްވާ ބޭފުޅާ މުގުލުގައި ހުންނަވާ ޤައުމަށް ޣައްދާރުވުމުގެ މި ޢަމަލު، ޤައުމުގެ އިޤްތިޞާދީ އިމުން ބައެއް ގެއްލުވާލުމުގެ ފަހަތުގައި މިހިރަމިހަރަ ކަހަލަކަންކަން ނުހުރެނުދާނެކަން ސަބަބުވެރި އިންސާނާގެ ސިކުނޑިން މިންކޮށް އުޅެތެވެ.
ދޮގު ދޮލަނގު ބޮލަށް ލެއްވުން
ނިމިދިޔަ ރިޔާސީ އިންތީޚާބުގައި މިދެންނެވި ރައީސް، އެއިރުގެ ޚާރިޖީ ވަޒީރު ކެމްޕޭން ދަތުރުތަކުގައި އުޅުއްވަނީ ދޮގު ދޮލަނގެއް ބޮލަށް ލައްވައިގެންނެވެ. އެ ދޮލަނގުގައި ހުރީ އޭރުގެ އިދިކޮޅު، މިހާރުގެ ސަރުކާރުގެ ދޮގުތައް ކަމަށް ބުނެ އެކި އަތޮޅުތަކަށް، ރަށްތަކަށް ވަޑައިގެން އެ ދޮލަނގުގައި ހުރި ދޮގުތައްކަމަށްބުނާ ކަންކަން ވިއްކަވަން ވަރަށް މަސައްކަތްކުރެއްވިއެވެ. ނަމަވެސް އިންތިޚާބުނިމި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެއީ ދޮގު ދޮލަނގުން ދޮގެއް ކަމަށް ވިދާޅުވި ކަންކަން ރައްޔިތުން ޤަބޫލު ނުކުރީމާތާއެވެ.
އައު ވެރިކަމަށް އަހަރެއް ނުވަނީސް އެއްކަލަ ދޮލަނގު ބޮލަށް ލައްވައިގެން ނުކުންނަވައިފިއެވެ. ޕޯޑިއަމްގައި ހަރުއަޑުން އެ ދޮލަނގުގެވާހަކަ ދައްކަވަން ފައްޓަވައިފިއެވެ. މިފަހަރުގެ ހާލަތުގެ ތަފާތެވެ. މިފަހަރު ހިތް ނިޔަތް ސީދާކުރަށްވައިގެން ހުންނެވީ އަންނަ އިންތިޚާބުގެ ރިޔާސީ ކެންޑިޑޭޓަކަށްވުމަށްކަމަށްވުމުން އެ ދޮލަނގުގެ ބަރުކުރަށްވައިގެން، އެ ވިއްކެވުމުގެ މަސައްކަތް ގުނަކުރަށްވާނެކަން ކަށަވަރެވެ.
ދޮގު ދޮލަނގު ނުވިއްކޭ ސަބަބުތައް
އެކިއެކި ފިކުރުގެ ސިޔާސީންނާއި ވާހަކަދައްކާލެވުނުއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ ދޮލަނގު އުފުލާ ބޭފުޅާގެ މައްސަލައެވެ. މި މައުލޫއަށް އެ ބޭފުޅާގެ ޕާޓީގެ ބައެއް ބޭފުޅުންނާއި، އެ ޕާޓީދޫކޮށް އައު މޫވްމެންޓެއް އުފެއްދެވި ބައެއް ބޭފުޅުންވެސް ވާހަކަ ދައްކަވާފަވެއެވެ. އެކި ފިކުރުގެ މިވެރިން ފާހަގަކުރެއްވި އެއްކަމަކީ އެ ދޮލަނގުގެ ވެރިޔާގެ މާޟީއެވެ. ބައެއް ބޭފުޅުންވިދާޅުވީ، އެ ދޮލަނުގެ ވެރިޔާގެ ޢަމަލުން ޤައުމަށްވުރެ އަމިއްލަ އެދުން އިސްކުރަށްވާފައިވާ ކަމަށެވެ. އެކަމުގެ މިސާލީ ބައެއް ހެކިވެސް އެ ބޭފުޅުން ދެއްކެވިއެވެ. އެއްކަމަކީ ދިގު ތިރީސް އަހަރެއްގެ ވެރިކަމުގައި ރައީސް އޮފީހުގެ އިސް މަޤާމެއްގައި ހުންނަވާ ކަންކުރެއްވި ގޮތެވެ. ދިގު މުއްދަތަކަށްފަހު އެ ސަރުކާރުން ނުކުންނަވައި، ސިޔާސީ އެހެން އޮޑިއަކަށް އަރައިވަޑައިގެންނެވިއިރު މިލްކިއްޔާތުގައި ބުރިބުރިއަށް އިމާރާތްކޮށްފައިވާ ބޮޑުގެޔަކާއި، ބޭރުގެ ކަރައެއްގައި ހުންނަ ގެއްގެ ވާހަކައެކެވެ. އައު އޮޑިއަށް އަރުއްވައި، މަޖިލީސްގެ ރައީސްކަމުގައި ކުރިމަތިވި ކަންކަމުގައި މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ އަމިއްލަ ޕާޓީއަށް ބޭވަފާތެރިވިކަމަށް ވެސް ބައެއް ބޭފުޅުން ސިފަކުރެއްވިއެވެ. އަދި އެންމެ ފަހުގެ ވެރިކަމުގެ ދައުރުގައި ''ވިއްލާލި ކަނޑާއި'' ހަގު އަނބަތް ހޯއްދަވައިދެއްވި މުއްސަނދިކަމުގެ ވާހަކަވެސް ބައެއް ބޭފުޅުން ފަށަފަށައިގެން ކިޔުއްވިއެވެ. މިފަދަ ލިޔުމެއްގައި މިހުރިހާ ވާހަކައެއް ކިޔަންވެއްޖެނަމަ ނިކަން ދިގުވާނެތީ މިހާހިސާބުން ކުރުކޮށްލީއެވެ.
ހެޔޮއެދުމެއްނެތް އަމިއްލައެދުން
ޤައުމު އޮތީ މާލީ އަނދަވަޅެއްގައެވެ. އެ އަނދަވަޅުން ސަލާމަތްވުމީ އެންމެންގެ ވެސް ސަލާމަތެވެ. އެ އަނދަވަޅަށް ގަންބާލަން މަދަދުދޭ ކޮންމެ ބަޔަކު، މީހަކާ މެދު ރައްޔިތުން ވިސްނާލަން ޖެހެއެވެ. އެފަދަ ބަޔަކަށް، މީހަކަށް ވެރިކަމުގެ ފުރުސަތު ދީފިނަމަ އަމިއްލަ އެދުމުގެ ސަބަބުން ނުކުންނާނެ ނަތީޖާ ވިސްނާންޖެހެއެވެ. އެފަދަ މީހަކަށް ޕާޓީގެ ޓިކެޓެއް ދީ، ވެރިކަމަށް ގެނެސްފިނަމަ ދެން ހަދާލާފާނެގޮތެއް ޕާޓީގެ މެމްބަރުންވެސް ވިސްނާލަންޖެހެއެވެ. ޙަޤީޤަތަކީ ޕާޓީތަކުގެ އާންމު މެމްބަރުންގެ ގުރުބާނީ ގުޅިފައި އޮންނަނީ ޤައުމީ ލޯތްބާއެވެ. ޤައުމުގެ މުސްތަގުބަލާއެވެ. އަމިއްލަ އެދުމަކާނޫނެވެ. އެހެންކަމަށްވާނަ، ދޮގު ދޮލަނގެއްގެ ވެރިޔަކު ކަނޑުން ބަޔެއް ވިއްކާލިހެން ޤައުމު ވިއްކާލަން ފުރުސަތުދޭން ހެޔޮނުވާނެއެވެ. އެފަދަ ވެރިޔަކު ދައްކާވާހަކަ އުޑުބަޅުކުރެއްވި ހިސާބުގައި އަހަންވެސް ނުވާނެ ނޫންތޯއެވެ؟