logoEN
ޚަބަރު

ވޭތުވެ ދިޔަ 4 ވަރަކަށް ދުވަސްތެރޭ ޕީއެންސީއަށް 9000 އަށް ވުރެ ގިނަ މެމްބަރުން

ހުސައިން ވަސީމްހުސައިން ވަސީމް

15 ނޮވެމްބަރު 2024 - 13:23

ވޭތުވެ ދިޔަ 4 ވަރަކަށް ދުވަސްތެރޭ ވެރިކަން ކުރާ ޕީއެންސީއަށް 9000 އަށް ވުރެ ގިނަ މެމްބަރުން މާލެ ސަރަހައްދުން އެކަނިވެސް ސޮއިކޮށްފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތަށް ފަހު މާލެ އޭރިއާއިން ޕާޓީ އަށް އަލަށް ސޮއިކުރި މެމްބަރުންގެ ފޯމުތައް ޕާޓި އަފީހަށް ހަވާލުކުރުމަށް ބޭއްވި ހަރަކާތުގައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މާލެ އޭރިއާ ގައި ކުރިއަށް ގެންދިޔަ ހަރަކާތުން ވޭތުވެދިޔަ 4 ވަރަކަށް ދުވަހުގެ ތެރޭގައިއެކަނިވެސް 9000 އަށް ވުރެ ގިނަ މެމްބަރުން މުޅިން އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ފޭސް ދޭއް ގައި ކުރި އަށް ގެންދިޔަ ހަރަކާތުންވެސް 7000 އެއްހާ ފޯމު ލިބިފައިވާ ކަމަށެވެ.

ސަރުކާރަށް އެއް އަހަރު ވާއިރު މިހާ ގިނަ އަދަދެއްގެ މެމްބަރުން އަލަށް ޕާޓީއަށް ގުޅެމުން ދާދިއުމަކީ ސަރުކާރުގެ ސިޔާސަތު ތަކާޢި ރައީށުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. މިހާ ބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން ލިބެމުން މިދަނީ ރައީށް މުއްޒުގެ ލީޑަޝިޕް ރައްޔިތުން ބަލައިގަންނާތީ ކަމަށް މެމްބަރު އިސްމާއީލް ވިދާޅުވި އެވެ.

ޕާޓިއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބެމުންދާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ޕީއެންސީގެ މެންބަރޝިޕް ޑްރައިވް ހަރަކާތް ކުރިއަށް ގެންދަނީ 7 ދާއިރާއަކަށް ބަހާލައިގެންނެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ކޮންމެ ހަފްތާ ބަންދެއްގައި ބޮޑެތި ސިޓީތަކުގައި މި ހަރަކާތް ހިންގައެވެ.

ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު 80،000 އަށް އަރާކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ. ރައީށްގެ އަމާޒަކީ ސަރުކާރަށް އަހަރެއް ފުރޭއިރު ޕާޓީގައި 75،000 މެމްބަރުން ތިބުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder