ރައީސް މަސައްކަތްޕުޅު ކުރައްވަނީ ކުރީގެ ސަރުކާރުތަކަށް އަތްލާން ނުކެރިފައިވާ ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް: އިހްސާން
17 ނޮވެމްބަރު 2024 - 18:15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކުރީގެ ސަރުކާރުތަކަށް އަތްލާން ނުކެރުނު ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މި ރިޔާސީ ދައުރުގެ ފުރަތަމަ 52 ހަފްތާގައި 'ހޯމް ޓީމުން' ހާސިލްކޮށްފައިވާ މުހިންމު ނަތީޖާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރައީސް މުޢިއްޒުގެ ޖެހިލުންކުޑަ ސިޔާސީ ވިސްނުމާއި، އެހެން ހުރިހާ ކަމަކަށްވުރެ ދިވެހި ޤައުމު އިސްކުރައްވައިގެން ކުރައްވަން ނިންމެވި ކަންތައްތަކެއް ކަމަށެވެ.
"ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ ފަޅިގައި ހުންނަވައިގެން، މި ކަންކަން ތަންފީޛުކުރުމުގެ މަސައްކަތް ހިންގައި، ވިލަރެސްކުރުމަށް ވަރަށް ހުށިޔާރުވެވަޑައިގެންފައި," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފާއިތުވި 52 ހަފްތާގެ ތެރޭގައި، މައިގަނޑު 4 ދާއިރާއަކަށް އަމާޒުކޮށްގެން، ގޮންޖެހުން ބޮޑު، އިސްތިރާޖީ ގިނަ މަސައްކަތްތަކެއްގެ ބިންގާ އަޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގޭންގު ކުށްތައް، މަސްތުވާތަކެތީގެ މައްސަލަ، އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހިމެނެއެވެ. މި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ފައުންޑޭޝަން އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާއެކު، މި ރިޔާސީ ދައުރު ނިމުމުގެ ކުރިން މި މައްސަލަތަކަށް، ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް ސަރުކާރުން ހައްލު ހޯދައިދޭނެ," މިނިސްޓަރު ވިދާޅުވިއެވެ.
ގޭންގު ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށާއި، ކުށުގެ ޒަރިއްޔާއިން ހޯދާފައިވާ މުދަލާއި ތަކެތި ދައުލަތަށް ނެގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ވުޖޫދަށް ގެނެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި، މި ރިޔާސީ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ ސަޕްލައި އޮންނަ ހުރިހާ މަގެއް ބަންދުކޮށް، ސަޕްލައި ނައްތާލައި، މަސްތުވާތަކެތީގެ ޑިމާންޑް 90 އިންސައްތައަށް ދަށްކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށާއި، އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ 3 އަހަރުގެ މުއްދަތުގައި މި މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"މި އަމާޒަށް ކުރާ މަސައްކަތުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި، ރިޒޯޓްތަކާއި، ސިނާޢީ ރަށްތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތާއި، 10 އިނގިލީގެ ނިޝާން އަދި ފޮޓޯ (ބައޯމެޓްރިކްސް) ނަގައި ބިދޭސީ ފަރާތްތައް އައިޑެންޓިފައިކޮށް، އެކައުންޓް ކުރާނަން," މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގޭންގުތަކަށް ކުޑަކުދިން ރެކްރޫޓް ކުރުން ހުއްޓުވުމަށާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.