logoEN
ޚަބަރު

ސްޓޭޝަންތައް އަަޅަން އިންދިރާއަށް 3 މިލިއަން ޑޮލަރު ދިން، ޢަމަލީ މަސައްކަތެއް ފެންނަން ނެތް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރަތްކުރި ޕޮލިސް ސްޓޭޝަން -- ފޮޓޯ/ މިހާރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރަތްކުރި ޕޮލިސް ސްޓޭޝަން -- ފޮޓޯ/ މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

28 އޮކްޓޯބަރު 2024 - 05:54

މިދިޔަ ސަރުކާރުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ޙަވާލުކުރި، އިންޑިޔާގެ އިންދިރާ ޕްރޮޖެކްޓްސް އަށް އެ މަސައްކަތަށް ތިން މިލިއަން ޑޮލަރު ދީފައިވީ ނަމަވެސް، އެ ފައިސާއަށް ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ޙާޒިކުރެވި، ވަޒީރުއާ ކުރިމަތިކުރެވުނު ސުވާލުތަކުގެ ތެރެއިން މިދިޔަ ސަރުކާރުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކުރި ކުންފުންޏާ ގުޅޭ ގޮތުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސުވާލުކުރެއްވިއެވެ. އެގޮތުން ފަލާހް ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށް ބޭރުގެ ކުންފުންޏަށް އެ މަސައްކަތުގެ 15 އިންސައްތަ ލާރި ވެސް ދިން ކަމަށް އޭރުގެ ނޫސްތަކުގައި ޖަހައިފައި އޮތް ނަމަވެސް، އެ ފައިސާ އިން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.

އަދި އެ ފައިސާއިން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުމާލެއިން ގޯތިތަކެއް ބައްލަވައިގެންނެވި ކަމަށާއި، ބެންކޮކްގައި ވިޔަފާރިތަކެއް ވެސް ކުރައްވާ ކަމަށް ވެސް ޚަބަރުތަކުގައި އޮތް ކަމަށާއި، އެ މައްސަލައާ ގުޅޭ މައުލޫމާތު ވަޒީރަށް އެނގިވަޑައިގަންނަވާތޯ ފަލާހް ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، 2021 ވަނަ އަހަރު ފުލުހުންނާ ހިސާބަށް އިންދިރާ ޕްރޮޖެކްޓްސްގެ އެ މަސައްކަތް ގެނެވުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 ޕޮލިސް ސްޓޭޝަން އެޅުމަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ޖުމްލަ އަދަދު 60 މިލިއަން ޑޮލަރަށް އަރާކަމަށާއި، އެ ޕްރޮޖެކްޓަށް ފައިނޭންސް ދޫކުރާ ގޮތަށް ހަމަޖެހިފައި އޮތީ ވެސް އިންޑިޔާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ކަމަށެވެ.

އަދި އެ މަސައްކަތުގައި އެންމެ ފުރަތަމަ ކަމަކަށް ވެސް ސަރުކާރުގައި އެ ކުންފުނިން އެންމެ ފުރަތަމަ އެދުނީ އެ ޕްރޮޖެކްޓުގެ 15 ޕަސެންޓް ސަރުކާރުން ހަމަޖައްސައިދިނުމަށް ކަމަށާއި، އެކަމުގެ ތެރެއިން އެކުންފުންޏަށް 3 މިލިއަން ޑޮލަރު ދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވަޒީރު ވިދާޅުވި ގޮތުގައި، އެ ފައިސާއަށް ކުރި ޢަމަލީ މަސައްކަތެއް ފެންނާކަށެއް ނެތް ނަމަވެސް، އެ ކުންފުންޏާ އެކު މި ސަރުކާރުގައި ކުރި ބައްދަލުވުންތަކުގައި، އެ ފައިސާ އެ ކުންފުނީގައި ހުރިކަން އެނގިފައިވާ ކަމަށެވެ.

އިންދިރާ ޕްރޮޖެކްޓްސްގެ ނަމުގައި އޭރުގެ އިކޮނިމިކް މިނިސްޓްރީއަށް އެޕްރޯޗް ކުރެވިފައިވާ ޕްރޮޖެކްޓެއް އެ ޕްރޮޖެކްޓަކީ. ޕްރޮޖެކްޓް އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި އޮތުމަށްފަހު، ދެ އަހަރު ފަހުން 2021 ވަނަ އަހަރު ހިސާބުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހިސާބަށް ގެނެސްގެން 60 ޕޮލިސް ސްޓޭޝަންއެއް އެޅުމަށްޓަކައި ގާތްގަޑަކަށް 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ޕްރޮޖެކްޓް ރޭވި ނިމިގެން، އެ ޕްރޮޖެކްޓުގެ ފައިނެންސް ދޫކުރަނީ އިންޑިޔާ އެގްޒިމް ތްރޫކޮށް ކަމަށް ރޭވިގެން، އޭގެ އެގްރިމެންޓްތަކެއްގައި ސޮއިކުރެވިގެން އެ މަސައްކަތް ފެއްޓުމަށްޓަކައި ވަރަށް ބާރަށް މަސައްކަތްކޮށްފައި އޮތްކަން އަޅުގަނޑުމެންނަށް ލިޔެކިޔުންތަކުން އެބަ ދައްކާ. އެހެން ނަމަވެސް މި މަސައްކަތުގެ ޢަމަލީ އެއްވެސް މަސައްކަތެއް ހިނގާފައެއް ނެތް. އިންދިރާ ޕްރޮޖެކްޓްސް ފަރާތުން ރާއްޖޭގައި ޖޮއިން ވެންޗާއެއް ހިނގައިގެން އެންމެ ފުރަތަމަކޮށްފައި އޮތް ކަމަކީ، ދިވެހި ސަރުކާރަށް މި އެދެނީ އެއްކަލަ ލޯނުގެ 15 ޕަސެންޓު އެންމެ ފުރަތަމަ ދިވެހި ސަރުކާރުން ތިމަންނަ މެންނަށް ދޭށޭ. އެ ހިސާބަށް ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި އެ ކުންފުންޏަށް އޭރުގެ ސަރުކާރުންވޭ 3.6 މިލިއަން ޑޮލަރު ދީފައި. އެހެން ނަމަވެސް އަދި އަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނަށް ފިޒިކަލީ އެ ކުންފުނިން އެ ލާރިއަށް ކުރިކަމެއްގެ ތަފްސީލެއް ނުދޭ އަޅުގަނޑުމެންގެ އެއް ބައްދަލުވުމުުގައި އެ ލާރި ހުރިކަމަށް ބުނޭ އެހެން ނަމަވެސް ފިޒިކަލީ އެއްވެސް ކަމެއްކޮށްފައެއް ނެތް. ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގައި - ހޯމް މިނިސްޓަރު އަލީ އިޙްސާން

ވަޒީރު ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ބެލިއިރު، ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން މާލޭގެ ގެއެއް ޢިމާރަތްކުރުމުގެ މަަސައްކަތް އެކުންފުނިން ކުރަމުންދާ ކަން ހާމަވެފައިވާ ކަމަށެވެ.

އަޅުގަނޑުމެން އެކުންފުނިން ދެން ކޮންކަމެއްތޯ ރާއްޖޭގައި ކުރަނީ ބަލާލިއިރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެކުންފުނިން ގަނެގެން މިހާރު މޫނިމާ ގޭ ކިޔާ ގެއެއްގެ އިމާރަތް އެތަނުން ބާރަށް ކުރިއަށް ގޮސް ނިމެމުންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަ އޮތް، - ހޯމް މިނިސްޓަރު އަލީ އިޙްސާން

undefinedއިންދރިާ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ ފުލުހުން

އިންދިރާ ޕްރޮޖެކްޓްސްއަށް އެ މަސައްކަތް ކުރުމަށް 2021 ވަނަ އަހަރު ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ބިޑެއް ނުލައި، 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާކުރުމަށެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް އެ މަޝްރޫއުގައި ހިމެނެއެވެ. އެ މަޝްރޫއުގެ 85 ޕަސެންޓު ފައިނޭންސް ކުރީ އިންޑިޔާގެ އެގްޒިމް ބޭންކުންނެވެ. ބާކީ އޮތް 15 އިންސައްތަ ފައިނޭންސް ކުރީ ދިވެހި ސަރުކާރުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder