މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
28 މޭ 2026 - 02:49

މާލެއާއި ހުޅުމާލޭގެ ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ހިންގި ހާއްސަ ހަރަކާތެކެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަޙްމަދު މަޢީޝް ރަޝީދު (28އ) އެވެ. މި ހަތަރު މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މާލެއާއި ހުޅުމާލޭގެ ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 100.09 ގުރާމުގެ ތަކެތި ވަނީ ހޯދާފައެވެ. މި ތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު އަނޫފް ޢަލީ އާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުކުރުމަށް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


