ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
8 ޖުލައި 2026 - 19:48

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އޭގެއިން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation
ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 9 ވަނަ ފުލެޓުގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކަރަންޓު ފޮށިތަކުގައި ހުރި އާތު ނަރުތައް ބުރިކޮށް، އޭގައި ހުރި ކޮޕަރ ފޮތިތައް ވަގަށް ނަގާފައިވާކަން ފުލުހުން ހާމަކުރެއެވެ.
ނަޞްރުﷲ ޝަކީލު ޙުސައިން ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ހުރަސްއެޅޭ ފަދަ ނުރައްކާތެރި އަމަލެއްކަން ފާހަގަކުރެވެއެވެ.


