މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފި
8 ޖުލައި 2026 - 11:08

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގެ ތެެރެއިން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، ހދ. ކުޅުދުއްފުށި / ކަގި، ފާޠިމަތު ޢަލީ (32އ) އެވެ.

Ad by Hajj Corporation
އެ މީހުން ހައްޔަރުކޮށް، އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވައި ކަމަށާއި،ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވައި ކަމަށާއި،ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


