ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރަން ފުލުހުން އިލްތިމާސްކޮށްފި
6 ޖުލައި 2026 - 18:16

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދުތައް ޕާކުކުރާ މިންވަރު އިތުރުވަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނެހެން ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ފުލުހުން އިތުރަށް ހަނދާންކޮށްދީފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އުޅަނދު ދުއްވުމާއި ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ.
ނަމަވެސް، މި ގަވާއިދުން އިސްތިސްނާވާ ބައެއް އުޅަނދުތައް ހިމެނެއެވެ. އެގޮތުން ކުޑަކުދިންގެ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުވާރު މަތީގައި ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދުވާރުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ތަންތަނަށް ހެދުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އެދިފައެވެ.


