ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފަށައިފި
6 ޖުލައި 2026 - 12:53
ދިވެހި ފުލުހުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ “ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރސް ސިމްޕޯޒިއަމް 2026” އިސްކަންދަރު ބިލްޑިންގގައި ފަށައިފިއެވެ.
2026 ޖުލައި 5 ވީ އާދިއްތަ ދުވަހު ފެށި މި ސިމްޕޯޒިއަމްގައި ޖުމުލަ 61 މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 60 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފެކެވެ.

Ad by Hajj Corporation
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމަކީ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ އެކްސަސައިޒް ސައިންސްގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސިމްޕޯޒިއަމެކެވެ. މީގެ އިތުރުން ފިޓްނަސް އެސެސްމަންޓް ހެދުމުގެ ހުނަރުތައް ތަރައްގީކުރުމާއި، އަނިޔާއިން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމާއި، ލީޑަރޝިޕް އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި ބައްދަލުވުމުގެ މުހިންމު މަގުސަދުތަކެކެވެ.
ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި ސެޝަންތަކުގައި، ފުލުހުންގެ ފިޒިކަލް ފިޓްނަސްއާ ބެހޭ ސެޝަނާއި، ކުޅިވަރުގެ ދާއިރާގެ ނިއުޓްރިޝަން އަދި ހައިޑްރޭޝަނާ ބެހޭ ސެޝަނާއި، އެކްސަސައިޒް ސައިންސް އަދި އެވިޑެންސް ބޭސްޑް ޓްރެއިނިންގއާ ބެހޭ ސެޝަންގެ އިތުރުން އޮގަނައިޒޭޝަން ބީއެފްޓީއާ ގުޅޭ ސެޝަން ކުރިއަށްގެންގޮސްފައިވެއެވެ.
މި ސިމްޕޯޒިއަމްގައި ލެކްޗަރާއިންގެ ގޮތުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފާޠިމަތު ޔަމްނާ މުޙައްމަދާއި، ސާޖަންޓް ޙަސަން ރިޔާޟް ޢަބްދުލްޣަނީ އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުންނެވެ.
މި ސިމްޕޯޒިއަމްގެ ކުރިއަށް އޮތް ސެޝަންތަކުގައި ބީއެފްޓީ ޕްރޮސީޖާސްތަކާއި ބީއެފްޓީ ކުރިއަށްގެންދާނެ ގޮތްތަކާއި، އައު ބީއެފްޓީ ޕްރޮޕޯޒަލާ ބެހޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި ސްޓްރެންތު ޓްރެއިނިންގއާއި، ފިޒިކަލް ހަރަކާތްތަކުގެ ގައިޑްލައިންތަކުގެ އިތުރުން، އަނިޔާއިން ރައްކާތެރިވުމާއި ޕްރޮގްރާމް ޑިޒައިންކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނަށް އެކްޝަން ޕްލޭން އެކުލަވައިލުމަށް ގްރޫޕް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސިމްޕޯޒިއަމްގެ ސަބަބުން އިންސްޓްރަކްޓަރުންގެ މެދުގައި ގުޅުން ބަދަހިވެ، މައުލޫމާތު ބަދަލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.


