logoEN
ޚަބަރު

"މަރުވީކީނޫން މަރާލީ" އިނގިލި އެ ދިއްކުރަނީ ކާކަށް؟

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 ނޮވެމްބަރު 2024 - 15:23

އިއްޔެ ހޮޅުދޫގައި ބޭއްވި ހިނގާލުމަށް އެރަށު ކުދިބޮޑު އެންމެން ނިކުތެވެ. މި ބޮޑު ހިނގާލުމުގެ ކުރިން ސޯޝަލް މީޑިޔާގައި ދައުރުކުރަމުން ދިޔައީ ޒަކިއްޔާގެ މަރަށް "އިންސާފު" ހޯދުމުގެ ގޮތުން ބޮޑު އެއްވުމެއް އިންތިޒާމު ކުރާ ވާހަކައެެވެ. ނަމަވެސް ހިނގާލުމުގެ ތެރެއިން އެއް ކަމެއް އެބަ ފާހަގަވެއެވެ. މި މަރާމެދު ޝައްކުގެ އިނގިލި ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް އެބަ ދިއްކުރެއެވެ.

މި މަރުގެ ހަޤީޤަތް އެނގޭ ބަޔަކު އެބަ ތިބިހެންވެސް ބައެއް ފަހަރު ހީވެއެވެ. ފާޅުކުރި ޝުޢޫރުތަކުގެ ތެރެއިން ކޮންމެވެސް ވިސްނާލަންޖެހޭ ބައެއް ކަންކަން ވަނީ ފާހަގަ ކުރެވިފައެވެ.

ހޮޅުދޫގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރީ އެންމެ ޝިއާރެކެވެ. ޒަކިއްޔާއަކީ އަމިއްލައަށް މަރުވި މީހެއް ނޫން ކަމާއި މީހަކު ނުވަތަ ބަޔަކު ވެގެން ޒަކިއްޔާ މަރާލީ ކަމަށް ބުނެ އުފުލި އަޑު ގަދައެވެ.

މިކަމުގެ ހަޤީޤަތާ ހަމައަށް ފީނުމުގެ ގޮތުން "މެންދުރު އޮންލައިން"ގެ ފަރާތުން އެރަށު ބައެއް މީހުންނާ ވާހަކަ ދެއްކީމެވެ. ޒަކިއްޔާ މަރާލީ ކަމަށް ބުނެ އަޑުއުފުލާ މީހުން އެ އިނގިލި އެންމެ ބޮޑަށް އަމާޒު ކުރާ އެކަކީ އޭނަގެ ފިރިމީހާއެވެ.

އިއްޔެގެ ހިނގާލުމުގައިވެސް އޭނާ ބައިވެރިނުވާކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ކަމުގެ ހަޤީޤަތް ފުލުހުން ހާމަކުރުމުގެ ކުރިން އެފަދަ އެއްވުމެއްގައި ބައިވެރިވާން ބޭނުންނުވީ ކަމަށްވެސް ވެދާނެއެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރުގައި ތޫނު އެއްޗަކުން އަޅައި، ލިބުނު ޒަހަމްތަކުން ނޭވާ ހޮޅި ވެސް ވަނީ ބުރިވެފަ އެވެ.

ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނުތާ 8 ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ނިމުމުން ތަފުސީލު ހާމަކުރާނެ ކަމަށެވެ.

އޭގެ ފަހުން އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މައުލޫމާތު މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޒަކިއްޔާގެ މަރަށް 76 ދުވަސްވީއިރު ވެސް ފުލުހުންގެ ތަހުގީގީ މަރުހަލާގެ އަޕްޑޭޓެއް ޒަކިއްޔާގެ އާއިލާއަށް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެ އާއިލާއިން ދަނީ ފާޅުކުރަމުންނެވެ. ޕޮލިސް ރިޕޯޓު ހިއްސާކޮށްދިނުމަށް އެދުނު ނަމަވެސް އާއިލާގެ އެ އެދުން ފުލުހުން ފުރިހަމަކޮށްދީފައެއް ނުވެ އެވެ.

އެރަށު ފުޓުބޯޅަ ދަނޑު ސަރަހައްދުން ގާތްގަނޑަކަށް ހަވީރު 4:15 ގައި ފެށި އެއްވުމުގައި ބައިވެރިވި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ފުލުހުންގެ ތަހުގީގީ މަރުހަލާގެ އަޕްޑޭޓެއް ނުލިބި 2 މަހާއި 15 ދުވަސް ފާއިތުވެފައިވުމެވެ. އެއްވުމުގެ ބައިވެރިން ވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ވާނުވާ ނޭނގި ލަސްވަމުންދާ ދިއުމާ ގުޅިގެން، "މުޅި ރަށް ނާމާން" ވެފައިވާ ކަމަށާއި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް "ޖަވާބު ބޭނުންވާ" ކަން ހާމަކޮށްފަ އެވެ.

ރަށަށް ވެރިވެފައިވާ ހިތާމަ ފާޅުކުރުމުގެ ގޮތުން އެއްވުމުގައި ބައިވެރިވި ގިނަ މީހުން ތިބީ ކަޅު ކުލައިގެ ހެދުމުގަ އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން ބައިވެރިވި އެއްވުމުގައި "ކެތްތެރިކަން ކޮޅުންލައިފި" ކަމަށާއި "މިއީ އަނިޔާ" ފަދަ އިބާރާތްތައް ބޭނުންކޮށްފައިވާ ލިޔުންތައް ބޭނުންކުރިއިރު، ޒަކިއްޔާގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ވެސް އެއްވުމުގެ ތެރެއިން ގެނަ އެވެ.

ކޮމެންޓް

871x217_placeholder