ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމެޓީއަށް


27 ފެބްރުއަރީ 2025 - 15:41
މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) މެދުވެރިކޮށް ބަލައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅައިފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދައިދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ އަންގާރަ ދުވަހުގެ ރޭ ވަނީ ބައްދަލު ކުރައްވާފަ އެވެ.
ޒަކިއްޔާ މޫސާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެކަން އެ ދުވަހު ކުރެވުނު ނަމަ މިއަދު މިހާލަތަށް ނައީސް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެ މީހަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަން ގެއްލުން ދިން ދެ މީހެކެވެ. އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މިދިޔަ ހޯމަ ދުވަހު ހޮޅުދޫގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވެ އެވެ. މުޒާހަރާގެ ކުރިން މީހުން ވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެ ރޭ ވަރަށް ލަސްވަންދެން ވެސް އެ މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގައި ހޮޅުދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެވެ އެވެ. އޭނާ ހައްޔަރު ކުރަން ވެސް ގޮވާލާފައިވެ އެވެ.
ޒަކިއްޔާގެ މަރަށް 5 މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ އެކަން ބަލަން ފަށާފަ އެވެ. މައްސަލަ ބަލަމުންދާ ކަމަށް އެ ދެ ކޮމިޝަނުން ވެސް ބުނެފައި ވަނީ އަމާޒުވި ގިނަ ފާޑުކިޔުންތަކާ އެކުގަ އެވެ.
އެޗްއާރްސީއެމުން ބުނެފައި ވަނީ މައްސަލަ އާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށެވެ.
އިތުރު ލިޔުންތައް

ޒަކިއްޔާގެ މަރު: އިންސާފަށް އެދި ހޮޅުދޫ ރައްޔިތުން ނިކުންނަނީ
5 މަސް ކުރިން
ޒަކިއްޔާގެ މަރު: ތަޙުޤީޤު އަވަސްކުރުމަށް ގޮވާލާ ހޮޅުދޫގައި އެއްވުމެއް ބާއްވައިފި
5 މަސް ކުރިން
"މަރުވީކީނޫން މަރާލީ" އިނގިލި އެ ދިއްކުރަނީ ކާކަށް؟
5 މަސް ކުރިން