ހިލޭ މެޑިކަލް ޗެކަޕް: 3200 މީހުންނަށް ޚިދުމަތް ދީފި
26 ނޮވެމްބަރު 2024 - 16:15
.webp&w=3840&q=75)
އާސަންދަ ސްކީމުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގުފަހިކޮށް ދިނުމުން، މިހާތަނަށް އެޚިދުމަތް 3200 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ހާމަކުރައްވައިފިއެވެ.
އެންސްޕާއިން މިކަން ހާމަކުރައްވާފައިވަނީ ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިޚިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ، 40 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން 40 އަހަރުން މަތީގެ 2428 މީހުންވަނީ މިޚިދުމަތް ހޯދާފައިވެއެވެ.

Ad by Hajj Corporation
އަދި އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށް ހިލޭ ކެންސަރަށް ސްކްރީންކުރެވޭނެ ގޮތްވެސް ސަރުކާރުން ހަމަޖައްސާފައިވާއިރު މިހާތަނަށް 512 މީހުން މިޕެކޭޖް ނަގާފައިވެއެވެ.
މިމުއްދަތުގެ ތެރޭގައި 19 އަހަރާއި 39 އަހަރާއި ދެމެދު އުމުރުފުރާއިން 278 މީހުންވަނީ މެޑިކަލް ޗެކަޕް ހަދާފައެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 20 ކުއްޖަކު ސްކޫލް ހެލްތު ސްކްރީނިން ވެސް ހަދާފައިވެއެވެ.
ދިވެހިރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް ހުރިހާ އުމުރުފުރާއަކަށް ހެދޭ ގޮތަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ދާއިމީ ބޮޑެތި ބަލިތައް ގިނަވެ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވާފައިވާ ވަޢުދުފުޅުގެ ދަށުން ހުޅުވާލި މެޑިކަލް ޗެކަޕްގެ ބޭނުން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.
މީގެ ސަބަބުން ދުރާލާ ބަލި ދެނެގަނެވި އެބަލިން އަރައިގަތުމަށް ފުރުސަތު ލިބޭނެ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.


