ހުޅުމާލޭ ފޭސް 2ގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި
6 ސެޕްޓެމްބަރު 2025 - 15:55

ހުޅުމާލޭ ފޭސް 2ގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.
މި ކޭމްޕަކީ ސިއްހީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ ކޭމްޕެކެވެ.

Ad by Hajj Corporation
މި ކޭމްޕް ރަސްމީކޮށް ފަށްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްހަތާއި ގުޅޭ ގިނަ މައުލޫމާތު ލިބި ޗެކަޕް ކޮށްލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މި ކޭމްޕު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް، ޖިހާދު ޢަބްދުﷲ ވިދާޅުވީ، މި ކޭމްޕުން ރާއްޖޭގެ ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ލިބޭ ސިއްހީ ފަރުވާއާއި ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެކަމަށެވެ.
މި ކޭމްޕުގައި ބައިވެރިވެފަމިވަނީ ރާއްޖޭގަ މިހާރު ތިބި އެންމެ މަގްބޫލު އެންމެ ގިނަ ރައްޔިތުން ގަބޫލުކުރާ އަދި އެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ކްލިނިކްތަކާއި، ހޮސްޕިޓަލްތައްކަމުގައި ޖިހާދް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ހޮސްޕިޓަލަކުން ލިބެންޖެހޭ ގިނަ ފަރުވާތަކެއް މި ކޭމްޕުގެ ތެރެއިން ލިބިގެންދާނެކަމަށް ވެސް ޖިހާދް ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަހައްދުގައި ބާއްވާ މި ކޭމްޕް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30 އާ ހަމައަށެވެ.
ހުޅުމާލޭ ފޭސް2 ގައި އުފައްދާފައިވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސުންދަނީ ހުޅުމާލޭ ފޭސް2ގެ އިޖުތިމައީ ގުޅުން ބަދަހިކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންނެވެ.
ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަންނަނީ ސިއްހަތާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


