މާދަމާއިން ފެށިގެން އެއް މަސް ދުވަހަށް ހައިކޯޓާއި ސުޕްރީމް ކޯޓު ރިސެސް އަށް
30 ނޮވެމްބަރު 2024 - 10:00
މާދަމާ އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ހައިކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.
ހައިކޯޓު ރިސެސްއަށް ދާނީ ޑިސެމްބަރު 1 އިން 31ގެ ނިއަލަށެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ހައިކޯޓު ރިސެސް އަށް ދިޔަ ކަމުގައި ވިޔަސް ބައެއް ކަހަލަ މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް އެކޯޓުން ބުނެ އެވެ.މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، މޮނިކޮމް އަމުރު ތަކާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އިއުތިރާސާ ގުޅޭ ނިްނމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތަކެވެ.ކޮންމެ އަހަރަކުވެސް އަހަރު ނިމުމުގެ ކުރިން ހުރިހާ ކޯޓެއްވެސް ރިސެސް އަށް ދެ އެވެ. އެހެން ނަމަވެސް އެ ކޯޓު ތަކުން ކޮންމެހެން ނިންމަން ޖެހޭ މައްސަލަތައް ނިންމުމަށް ޝަރީއަތްތައް ތާވަލު ކުރެ އެވެ.
އެގޮތުން ޑިސެމްބަރު އެކަކުން އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވެސް ރިސެސް އަށް ދިއުމަށް ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.