logoEN
ޚަބަރު

ދަރިވަރުންތަކެއް ގުރޫމް ކުރި ޓީޗަރު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި

ހުސައިން ވަސީމްހުސައިން ވަސީމް

08 ޖެނުއަރީ 2025 - 12:14

ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ޓީޗަރު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ކުޑަކުދިންނާ ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ރަށާ މީހުންގެ ނަންތައް ވަނީ ސިއްރުކޮށްފަ އެވެ.

ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ޓީޗަރު ބަންދުން ދޫކޮށްލަން އެރަށުގެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބަލައިފަ އެވެ. ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި އޮންނަގޮތުން މިފަދަ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ކުރިން މިފަދަ ތުހުމަތެއް އެ މީހެއްގެ މައްޗަށް ކުރެވިފައި ނެތުމަކީ މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އަދި ތުހުމަތުވާ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަން ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ބުރަވެވޭ ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލް ކުރާ ކަމަށާ 7 ދުވަހުގެ ތެރޭގައި އަލުން އޭނާ ބަންދު ކުރުމަށް އަމުރުކޮށް މި މުއްދަތުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަށް ހައިކޯޓުން ވަނީ އަންގާފަ އެވެ.އަދި އޭނާގެ ބަންދާމެދު އަލުން ގޮތް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

18 ވަރަކަށް ކުދިން ހިމެނޭ މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

ކޮމެންޓް

871x217_placeholder