އީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފި

އީފާސް އެޕް

01 ޑިސެމްބަރު 2024 - 12:55
އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ ފޭސް ވެރިފިކޭޝަން ނުވަތަ އޮންލައިންކޮށް މޫނު ދެނެގަންނަ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ސަމްސަބް ކުންފުނި އެ މަސައްކަތުން ވަކިކޮށް އައު ވެންޑާއަކާއި މަސައްކަތް ހަވާލުކުރުމަށްފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް ފަށައިފިއެވެ.
މިވަގުތު އެ ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށް ކަމަށާއި އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެކަމަށް އެންސީއައިޓީ ން ހާމަކުރެއެވެ.
ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަމުންދަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ބޭނުންކޮށްގެނެވެ. އަދި މިކަން ހިގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގައެވެ. ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށްވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެކެވެ.
އީފާސްގެ ފޭސްވެރިވިކޭޝަން އަށް ގެނައި މިބަދަލާއި ގުޅިގެން އެންސީއައިޓީގެ އެންމެ އިސްވެރިޔާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް މި ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އަދި ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑުއަހައި އިހުސާސްތައް ދެނެގެން ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމުގައި ކިނާނަތު ވިދާޅުވިއެވެ.
އީފާހުގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދްމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތައްކަން ކަށަވަރުކުރުމެވެ. މީގެ ބޭނުމަކަށްވަނީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ހަނިކުރުމެވެ.
އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް ތައާރަފުކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރުކުރަމުން އައީ އެކަމަށް ހާއްސަކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓްކޮށްގެނެވެ. ނަމަވެސް 2023 ގައި އޮންލައިން ފޭސް ވެރިފިކޭޝަން ތައާރަފުކުރުމުން އިފާސް ބޭނުންކުރާ ފަރާތަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި އެކު ފޭސްވެރިފިކޭޝަން ހެދޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.