ކޯހުން ފާސްވުމަށް އެސަސްމެންޓްތަކުން 50 ޕަސެންޓް ހޯދަން ޖެހޭ ގޮތް ހަދައިފި
5 ޑިސެމްބަރު 2024 - 04:19

މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އެސަސްމެންޓްތަކުން 50 ޕަސެންޓް ފާސްވާން ޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އުސޫލަށް ބަދަލު ގެނެސްފިއެވެ.
މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމެންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލަ މިހާރު ބޮޑުވެފައިވާތީ އެކަން ހުއްޓުވުމަށް ފާސްވާ ޕަސެންޓް މަތިކުރުމަށް އެމްކިއުއޭއިން ނިންމާފައިވާކަން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާން ކޮށްފައެެވެ.

Ad by Hajj Corporation
އިޞްލާހު ގެނައި އުޞޫލްގައި ވަނީ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް ކުރިން ހުއްދަ ދީފައިވާ ކޯސްތައް ކުރިއަށް ގެންދިޔުމުގައިވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ހިމަނާފައެވެ. އެގޮތުން ޕްރޮގްރާމްގެ ކޮންމެ މޮޑިއުލެއް ނުވަތަ ޔުނިޓަކަށް އެސެސްމަންޓަށް ބޭނުންވާ މިންގަނޑުތައް ސާފުކޮށްދީފައި ހުރުމާއި ދަރިވަރުގެ ގާބިލުކަން ވަޒަންކުރެވޭނެ، މަދުވެގެން އަމިއްލަ އެއް މަސައްކަތް، ލިޔުމުން ނުވަތަ އެހެން ގޮތަކުން، ދަރިވަރުން އުފައްދަން ޖެހޭނެކަމަށް މި އުޞޫލްގައިވެއެވެ
މާސްޓާޒް ކޯސްތަކުގެ ރިސާޗް ފިޔަވައި ހުރިހާ ކޯހެއްގައި މަދުވެގެން %50 ސުޕަަވައިޒްކޮށް، ވަގުތު ކަނޑައަޅައި، ކޮންޓްރޯލްކުރެވޭ އެސެސްމަންޓް ހާލަތްތަކެއް އިމްތިހާން ތަކުގައި ހިމަނަން ޖެހޭނެކަމަށާއި އެސެސްމަންޓުގެ %50އަކީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހަދާ އެއްޗަކަށްވާންޖެހެއެވެ. މީގެ އިތުރުން އޯޕަން ބުކް ޓެސްޓުތައް ހެދުމަށް ވަގުތެއް ކަނޑައަޅަންވެސް ޖެހޭނެކަމަށެވެ. އިސްލާހު ގެނައި އުޞޫލްގައި ވަނީ އެސެސްމަންޓްތަކުގައި ހިމެނިދާނެ ބައިތައްވެސް ފާހަގަކޮށްފައެވެ. އަދި އެއްވެސް މޮޑިއުލަކުން ހުރިހާ އެސެސްމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެކަމަށްވެސް އުޞޫލްގައިވެއެވެ.
ދަރިވަރުން ހަދަން ދޭ އެސެސްމަންޓަށް %40 އިން ފެށިގެން %70 އާ ހަމަޔަށް މާކްސް ދޭއިރު އަދި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސެސްމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ. މީގެ ނަތީޖާއަކީ އެހެން މީހެއްލައްވައި އެސެސްމަންޓް ހަދައިގެން މަތީތައުލީމްގެ ސަނަދު ހޯދުމެވެ. އެހެންކަމުން %100 އެސެސްންމަންޓުން ފާސްވާ މާއްދާތަކުގެ ކޯސްތަކަށް ހުއްދަދިނުން މިހާރު ވަނީ ހުއްޓާލާފައެވެ.
މީގެ ތިން އަހަރު ކުރިން 2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މިިފަދަ އަމަލުތަކަށް ފާރަވެރިވުމަށް ތައުލީމުދޭ މަރުކަޒުތަކުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޖޫރިމަނާގެ އިތުރުން ވެސް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް މައްސަލައެއްގައި ފިޔަވަޅު އެޅިކަން އެނގޭކަށް ނެތެވެ،


