ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ލަންކާ ދެ މީހަކު ހައްޔަރަށް
އަޙްމަދު ޒަލީފް
8 ޑިސެމްބަރު 2024 - 12:06
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުން:

- ވިމޯޝާ ވިނަތަގެ (27އ)
- ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ)
މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500އެމްއެލްގެ 116 ފުޅިއާއި 5 ލީޓަރުގެ ހަ ފުޅި ފެނިފައިވާކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.