މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވަނީ އިދާރާތައް ބާރުވެރި ނުވުމުން


09 ޑިސެމްބަރު 2024 - 06:39
ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާ އެންމެ ބޮޑު ސަބަބަކީ ތަންފީޒީ އިދާރާތައް ބާރުވެރިނުވުން ކަމަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބޮޑުން ހައްޔަރު ނުކުރެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީށސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ނާޒިމު ވިދާޅުވީ އެމަނިކުފަނު ނިސްބަތްވެވަޑައިގަންނަވާ ދިއްގަރު ދާއިރާއަކީވެސް މަސްތުވަތަކެތީގެ މައްސަލަ ބޮޑު ދާއިރާއެއް ކަމަށެވެ.
ނާޒިމް ވިދޅާުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުވަނީ އެކަމުގައި ހިމެނޭ ބޮޑުން ހައްޔަރު ނުކުރެވޭތީ ކަމަށާ އެމީހުން ހައްޔަރު ކުރިނަމަވެސް އަދަބެއް ނުދީ ދޫކޮށްލާތީ ކަމަށެވެ. އަދި މިކަމުގައި ފަނޑިޔާރުންނާއި ފުލުހުންގެ ބޮލުގައި އިލްޒާމުތައް އެޅުމުގެ ޖާގައެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަައިގެ މޫލާފައި އޮތް މިންވަރުގެ މިސާލުތަކެއް ދެއްވަމުން ނާޒިމު ވިދާޅުވީ ރާއްޖެއަށް އެތައް ކިލޯއެއްގެ މަސްތުވަތަކެތި ދޯންޏެއްގައި އެތެރެ ކުރި ދޯނީގައި ތިބި އެންމެން ހައްޔަރު ކުރުމަށް ފަހު އެކަމުގައި އެންމެ އިސްކޮށް ހުރި މީހާ ކުރީ ސަރުކާރުން މައާފްދީ ދޫކޮށްލާފައިވާ ކަމަށެވެ. ނާޒިމް އެ އިޝާރާތް ކުރައްވަނީ 2020 ވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް އެތެރެ ކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަށެވެ. އެމައްސަލާއާއި ގުޅިގެންޖުމްލަ 11 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.
މީ މިއުޅޭ މައިގަނޑު މައްސަލައަކީ މަސްތުިވާތަކެތީގެ ބޮޑުން ސަލާމަތްވެފަ މަސްތުވާތަކެތީގަ ހިމެނޭ އެހެން މީހުން އެހެން ކުޑަކުދިން ބަންދުވެފަ ތިބޭ މައްސަލަ މީ އެންމެ ބޮޑު ކަންތައް. މިގާނޫނުގެ ޖަދުވަލުތަކުގައި ބަޔާން ކޮށްފައި ނުވާ މަސްތުވާ ތަކެތި ގިނައިން ރާއްޖޭގަ ބޭނުންކުރަމުން މިދަނީ މިޒަމާނުގަ މިހާރު ޕާޓީ ޑްރަގްސްއާ އެކިކަހަލަ މަސްނުވި އުފެއްދުންތަކުން ތައްޔާރުކޮށްފައި ހުންނަ ޑްރަގްސް އެހެންވީމަ ޖަދުވަލުގަ ނެތް ޑްރަގްއެއް ނަގައިގެން ގެންގޮއްސިއްޔާ ކޯޓުން މި ދޫކޮށްލަނީ އެއީ ގާނޫނުގަ ބަޔާން ކޮށްފަ އޮތް އެއްޗަކަށް ނުވާތީ އެހެންވީމަ ފުލުހުން މިއެދެނީ ގާނޫނުގެ ޖަދުވަލުގަ ބަޔާން ކުރެވިފައިވާ ޑްރަގްސްއަށް ޒަމާނާ އެއްގޮތަށް އަންނަ ބަދަލްތަކާއެކު އިތުރު ކުރެވޭނެ ގޮތަށް ބަދަލުކޮށްދިނުމަށް
މިފަހުން ރާއްޖެއަށް ކަނޑުމަގުން ސިގިރޭޓު އެތެރެ ކުރި މައްސަލައަށް އިޝާރާތް ކުރައްވާ ނާޒިމް ވިދޅާުވީ އެ ބޯޓުވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އޭގެ މޮނިޓަރިން ޑީވައިސް ނިއްވާލާފައިވާ ކަމަށެވެ. އަދި އެ ބޯޓު އަތުލައިގަތީ އެއް ދުވަސް ފަހުން ކަމަށާ ބޯޓު އަތުލައިގަތުމުގެ ކުރިން ރާއްޖޭގެ އުތުރުގެ ރަށަކަށް އޭގެން މުދަވެސް ބޭލިކަމަށް ނާޒިމް ވިދޅަުވި އެވެ. އަދި އޭގެން ބޭލީ ކޮން މުދަލެއް ކަމެއް ނޭންގޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. މިބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް އިރު އެބޯޓު ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްފައި ނުވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ނާޒިމު ވިދާޅުވީ އެއާޕޯޓުގެ ކުނި އުކުމުގެ މައްސަލައިގެ ފަހަތުގައި ވެސް އޮތީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށެވެ.
ނާޒިމް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ މިކަންކަމުގައި ހިމެނޭ ބޮޑުން ފަސޭހައިން ސަލާމަތްވުން ކަމަށެވެ.
މަސްތުވާތަކެޔީގެ މައްސަލައަށް ހައްލު ހޯދުމަށް މިޒަމާނާ އެއްގޮތަށް ގާނޫނުތައް ހަދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ބާރުވެރިކުރުވަންޖެހޭ ފަރާތްތައް ބާރުވެރި ކުރުވެންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.