ކީރިތި ޤުރުއާނުގެ ބައެއްގެ އަޑު އުނިވެފައިވާތީ ޕީއެސްއެމް އިން މަޢާފަށް އެދިއްޖެ
12 ޑިސެމްބަރު 2024 - 12:34

ގެނެސްދިން ކޮންޓެންޓެއްގައި ގުރުއާނުގެ ބައެއް އުނިވެފައިވާތީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމްއިން) މާފަށް އެދި އެކަން ހިނގަން މެދުވެރިވި މުވައްޒަފުން މަސައްކަތުން އެކަހެރިކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓްކުރުމުގެ ސަބަބުންނޫންކަމަށެވެ. އަދި އެފަދަ ކަމެއް ދުވަހަކުވެސް ޕީއެސްއެމްއިން ނުކުރާނެކަމުގެ ޔަޤީންކަން މެނޭޖިންގ ޑިރެކްޓަރ ދެއްވިއެވެ. އަދި އެހެން އެކަން ދިމާވީ، ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައިކަމަށް ޕީއެސްއެމްގެ އެމްޑީ ވިދާޅުވެފައެވެ.
"ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް، އެއް ކޮންޓްރޯލް ރޫމުން، އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ، ޢާއްމުގޮތެއްގައި ކުރާކަމެއް. އެހެންނަމަވެސް، އެފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލުކުރަނީ، މީހަކު ވާހަކަ ދައްކާ ގަޑިއެއްގައި ނޫން. އެހެންނަމަވެސް، މި ދެންނެވި ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނީ، ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް." ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަން ބަލައި އެވަގުތު ކޮންޓްރޯލް ރޫމްގައި ތިބި މުވައްޒަފުން މިހާރު އެމީހުންގެ މަސައްކަތުން އެކަހެރިކުރެވިފައިކަމަށް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.

Ad by Hajj Corporation
ސައީދު ވިދާޅުވީ އެއްމައްސަލަ ދިމާވީ އެޑިޓް ކުރުމުންތޯ ބައްލަވައިދެއްވުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.


