300 އަށްވުރެ ގިނަ މަންދޫބުންނާއެކު 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި
12 މޭ 2026 - 06:20

ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް 300 އަށްވުރެ ގިނަ މަންދޫބުންނާއެކު ރަސްމީކޮށް ފަށައިފިއެވެ.
"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދަނީ މި މަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ.

Ad by Hajj Corporation
މި ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެއެވެ.
މި ސަމިޓުގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން 80 އިންސައްތައަކީ ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ. މިއީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާއި ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ.
ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ޕަބްލިކް މީޑިއާއަށް މަގުފަހިކުރުމާއި އެކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ހައި-ލެވެލް މިނިސްޓީރިއަލް ސެޝަނެއް ހިމެނެއެވެ. މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރާއި، އޭއައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށްދާނެއެވެ.
މި ސަމިޓުގެ އެހެނިހެން މަޢުޟޫތަކުގެ ތެރޭގައި މީޑިއާގެ މުސްތަޤުބަލުގައި ޒުވާނުންގެ ދައުރާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން، އެކި ޤައުމުތަކުގެ މީޑިއާތަކުގެ ކޮންޓެންޓް ދައްކާލުމުގެ ޝޯވކޭސްތައް ހިމެނެއެވެ.
ޕްލިނަރީ ސެޝަންތަކުގެ ބޭރުން، ބައިވެރިންނަށް ޚާއްސަ ގާލާ ޑިނަރއަކާއި، ސަގާފީ ހަރަކާތްތައް ދައްކާލާ ކަލްޗަރަލް ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުން ވެސް މި ސަމިޓުގެ ތެރެއިން ކުރިއަށްދާނެއެވެ.
މި ސަމިޓުގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.


