ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް އައު ބޮޅެއް، "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފި
10 އޯގަސްޓު 2026 - 05:56

ނޭޝަނަލް ކެރިއަރ ސަރވިސްއިން ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Ad by Hajj Corporation
މިއީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލަކެވެ. ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން ތަރައްޤީކުރި މި ޕޯޓަލްގެ މަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" (SAILS) ޕުރޮޖެކްޓުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
ޕޯޓަލްގެ މައިގަނޑު ބައިތައް
މިއަދު އިފްތިތާޙުކުރެވުނު މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި:
- ކެރިއަރ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެއެވެ.
- ކެރިއަރ ޕާތުވޭ ޑިޒައިނަރ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދެއެވެ.
- މައިލްސްޓޯން ޓްރެކަރ: މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެކެވެ.
- ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށްދެއެވެ.
މި މަސައްކަތަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވިގެންދާ މަސައްކަތެކެވެ. ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނެޝަނަލް ކެރިއަރ ސަރވިސް (NCS)ގެ ހެލްޕްލައިން ނަންބަރު 1475 އަށް ގުޅުއްވުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް މެއިލް ކުރެއްވުމަށް އެ އިދާރާއިން އެދިލައްވައެވެ.


