ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: ވަޒީރު އިހްސާން
27 ސެޕްޓެމްބަރު 2026 - 17:50

ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާ ގައުމެއްކަން މިހާރު އެނގޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން، ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، މާރިޗު 2026 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ވަޒީރު ވިދާޅުވީ އެ އިސްލާހާއެކު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކޮށްފި ނަމަ ހަރުކަށި އަދަބުދޭނެ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށްވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.
ކުރިން މަސްތުވާތަކެތި އެތެރެކުރުމުން ދުވަސްކޮޅަކު ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލާކަން ފާހަގަކުރައްވަމުން ވަޒީރު އިހްސާން ވިދާޅުވީ، ކުރިން ކަންކުރާ އަނެއްގޮތަކީ އުމުރު ދުވަހަށް ޖަލަށް ލާފައި ބެހެއްޓުންކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ޤައުމެއްކަން އެނގޭނެކަމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ޤާނޫނީ ބަދަލުތައް ގެނެސް، މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި، އެއީ އެފަދަ ފަރާތްތަކަށް ދެވުނު ސާފު މެސެޖެއް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އަލީ އިޙުސާން އިތުރަށް ވިދާޅުވީ، މި ފަހަކަށް އައިސް ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓުގައި ބޮޑީ ސްކޭނަރު ބަހައްޓައި، ޑްރަގް އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފައެވެ. މިގޮތުން، އިއްޔެ ވެސް ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
އެ މަސައްކަތަށް އިތުރު މުވައްޒަފުން ބޭނުން ނުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިން ނުފެނިދާ ވަރަށް ގިނަ ކަންކަން ބޯޑަރ ސްކޭނާ މެދުވެރިކޮށް ފެންނަމުންދާކަމަށެވެ.
'' މިވަގުތަށް ބަލާއިރު އިތުރަށް މުވައްޒަފުން ބޭނުން ނުވޭ. މި ވަގުތަށް އިންޓަސެޕްޝަންތައް އިންޓެލިޖެންސް ބޭސްކޮށް ކުރިއަށްގެންދިޔައީމަ، ހަށިގަނޑުގައި ފޮރުވައިގެން ނުވަތަ ފޮށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ،" ވަޒީރު ވިދާޅުވިއެވެ.


