ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށް
17 އޮކްޓޯބަރު 2026 - 14:37

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ވަޒީރު ޢަލީ އިޙްސާންގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި ވަޒީރު ވަނީ އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އަނިޔާވި އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި ހިތްވަރު ދެއްވާފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ ޝުކުރުވެރިކަމާއެކު ވަޒީރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވުމުގެ އިތުރުން، ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި ފުލުހުންގެ މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ.
އެ އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑެއްގައި ޖެހި، ކޮންޓްރޯލުން ނެއްޓިގެން ގޮސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

-01.jpg&w=3840&q=75)
