ބަދަލު ދީފައިވާގޮތުގެ ޖިނާއި ތަހުގީގެއް ކުރަން އެންގުމަށް ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން
12 ޑިސެމްބަރު 2024 - 13:10
އެމްޑީޕީގެ ވެރިކަމުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭ ނަމަ ދައުވާކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލްއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް މިއަދު ފާސްކުރީ 55 މެންބަރުންގެ ތާއީދާއެކުގައެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.ކޮމިޓީއަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވި މި މި ހުށަހެޅުން ފާސްވީ ހަ މެންބަރުންގެ ތާއީދާ އެކުއެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި ބަދަލުގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާއިން ނުހައްގުން ދީފައިވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޖީނާއީ ތަހުގީގެއް ހިންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.އެ ތިން މީހުންނަކީ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއާއި, ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި, ސެޓްލްމަންޓް އެގްރީމަންޓް ތަކަށް ވާސިލް ވުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.
މާލިއްޔަތު ކޮމިޓީގައި މަމްދޫހު ވިދާޅުވީ ސެލްޓްމަންޓް ކޮމިޓީ މެދުވެރިކޮށް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 36 ރަށާއި ހަ ފަޅާއި އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ރައީސް ސޯލިހްގެ ވެރިކަމުގައި ދޫކޮށްފައިވާ ކަމަށެވެ.މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ވަނީ 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށްވެސް ކަނޑައަޅާފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ރައީސް ސޯލިހް އުފައްދަވާފައި އޮތް ސެޓްލްމަންޓް ކޮމިޓީ އުވާލައްވާފައެވެ.މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާއާއި ހަރުމުދަލުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ބަދަލުތައް ހަމަޖައްސާފައެވެ.