އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯއެއް
20 ޑިސެމްބަރު 2024 - 13:19
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މިރޭގެ މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ.އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިން އުޅެނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދު ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ކަނޑު އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.
ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮދަށް ސަމާލުވެ އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.