ސްޕެނިސް ލަލީގާ: އެމްބާއްޕޭ އާއި ވަލްވާޑޭގެ ރޮކެޓުތަކުން ބާސާ ވައްޓާލުމަށްފަހު މެޑްރިޑް ދެވަނައަށް
އެމްބާއްޕޭ އާއި ވަލްވާޑޭ ވަނީ ރޭގެ މެޗުގައި އޭރިޔާގެ ބޭރުން ރީތި ދެގޯލު ޖަހާފައި. ފޮޓޯ: ރިއަލް މެޑްރިޑް
23 ޑިސެމްބަރު 2024 - 06:39
ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑް ވަނީ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން 4-2 އިން ކާމިޔާބު ހޯދައި، ދެވަނައިގައި އޮތް ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ލަލީގާގެ ދެވަނައަށް އަރާފައެވެ. ބާސެލޯނާ އަށްވުރެ އެއްމެޗު މަދުން ކުޅެފައިވާ މެޑްރިޑް ވަނީ ލީގުގެ އެއްވަނައިގައިވާ އެޓްލެޓިކޯ މެޑްރިޑާ އެންމެ ޕޮއިންޓެއްގެ ތަފާތުގައެވެ.
ރޭގެ މެޗުގައި ފްރާންސްގެ ސްޓްރައިކަރު އެމްބާޕޭގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އޭނާވަނީ މެޗުގެ 10 ވަނަ މިނެޓުގައި އޭރިޔާގެ ބޭރުން ބާރުގަދަ ރޮކެޓް ގޯލެއް ޖަހާފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ފެޑެރިކޯ ވަލްވާޑޭވެސް ވަނީ އެޔަށްވުރެ ބާރުގަދަ ބޯޅައެއް އޭރިޔާގެ ބޭރުން ޖަހާ ގޯލު ކާމިޔާބުކޮށްފައެވެ. މެޑްރިޑްގެ ތިންވަނަ ގޯލުޖެހީ ރޮޑްރީގޯއެވެ. ސެވިއްޔާއިންވަނީ ގޯލެއްޖަހައި ފުރަތަމަ ހާފުގައައި ފަރަގު ކުޑަކޮށްފައެވެ.
ރެއާލް ގެ ފަހުގޯލު ޖެހީ ބްރަހީމް ޑިއާޒްއެވެ. ސެވިއްޔާގެ ފަހުގޯލު ކާމިޔާބުކޮށްދިބީ 85 ވަނަ މިނެޓުގައި ލުކެބާކިއޯއެވެ.
އެމްބާއްޕޭ ވަނީ މިއަހަރުގެ މިހާތަނަށް 49 ގޯލުޖެހުމުގައި ސީދާގޮތުން ބައިވެރިވެފައެވެ.
ރޭގެ މެޗަކީ ސްޕެއިން އަދި ސެވިއްޔާގެ ލެޖެންޑް ޖީސަސް ނަވާސް ގެ ކެރިޔަރުގެ އެންމެ ފަހުމެޗެވެ. މިމެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ވަނީ ނަވާސް އަށް ގާޑް އޮފް އޯނާރ އެއް އަރުވާފައެވެ. އަދި މެޗު ނިމުމަށްފަހު، މެޑްރިޑްގެ ހުރިހާކުޅުންތެރިން ސޮއިކޮށްފައިވާ ޖޯޒީއެއް މެޑްރިޑްގެ ފަރާތުން އޭނާއަށް ހަދިޔާކޮށްފައިވެއެވެ.