ޒިދާން ބޭނުންވަނީ ރެއާލް މެޑްރިޑް ނުވަތަ ފްރާންސްގެ ކޯޗުކަމަށް އަންނަން
ކުރީގެ ފުޓްބޯޅަ ތަރި ޒިދާން. ފޮޓޯ: ގެޓީ އިމޭޖެސް
25 ޑިސެމްބަރު 2024 - 11:18
ފާއިތުވި 4 އަހަރުގެ ތެރޭގައި 4 ކުލަބަކުން ފްރާން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް ޒައިނުއްދީން ޒިދާން ކޯޗުކަމަށް ޢައްޔަންކުރަން ބޭނުންވެގެން ހުށަހެޅިނަމަވެސް އެހުރިހާ ކުލަބުތަކަށް ނޫނެކޭބުނެފައިވާކަން ހާމަވެއްޖެއެވެ.
މާރކާއިން ރިޕޯޓްކޮށްފައިވާގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި ބަޔާން މިޔުނިކް އާއި ޕީ.އެސް.ޖީ އަދި ޖުވެންޓަސް އިން ޒިދާނުގެ ސޮއިބޭނުންވެގެން ހުށަހެޅިނަމަވެސް އެހުށަހެޅުންތަކަށް ޒިދާނު ވަނީ ނޫނެކޭ ބުނެފައެވެ.
ޒިދާން ކޯޗުކަން ކުރަން ބޭނުންވަނީ މީގެ ކުރިން ކޯޗުކަން ކޮށްދިން ރެއާލް މެޑްރިޑް ނުވަތަ ފްރާންސް ގެ ޤައުމީ ޓީމަށްކަން މާރކާއިން ރިޕޯޓްކޮށްފައިވެއެވެ.
ކަންމިހެން އޮތްނަމަވެސް ޓީމަކުން ވަރަށް ރަނގަޅު އޮފާއެއް އަތުވެއްޖެނަމަ އެޓީމަކާ ހަވާލުވުމަކީ ދުރުގައިވާކަމެއް ނޫންކަމަށް މަޢުލޫމާތު ދިރާސާކުރާފަރާތްތަކުން ހާމަކުރެއެވެ.
މީގެކުރިން ޒިދާން ވަނީ ރެއާލް މެޑްރިޑަށް 2016 ވަނަ އަހަރުގައި ހަވާލުވެ ޖެހިޖެހިގެން 3 އަހަރު ޗެންޕިއަންސް ލީގު ނަގާފައެވެ. އަދި އޭގެ ފަހުން 2019 ގައިވެސް ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދީފައިވެއެވެ.