ފިލަންޖެހޭނެވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ: މުއާޒް
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް
26 ޑިސެމްބަރު 2024 - 06:35
ފިލަންޖެހޭނެވަރުގެ ކަމެއް ކޮށްފައި ނޯންނާނެކަމަށް ވިދާޅުވެ، ފެނައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު، އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތް ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި މުއާޒު ވިދާޅުވެފައިވަނީ ފިއްލަވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.
މުއާޒް އިތުރަށް ވިދާޅުވެފައިވަނީ އާއިލާއާއެކު އިންޑިއާއަށް ވަޑައިގެންފައިވަނީ ބޭސްފަރުވާއަށާއި ޗުއްޓީއަކަށް ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ މި ހަފްތާގެ ހޯމަދުވަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސް މުހައްމަދު މުއިއްޒަށް މުއާޒް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން ކުންފުނީގެ ހާލަތު އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މަގާމުން އިސްތިއުފާދެއްވާކަމަށެވެ.
އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ އިހުލާސްތެރިކަމާއެކުގައިކަން ފާހަގަކުރައްވައި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ކުންފުނިތައް ހިންގުން ބައްޓަން ކުރަންޖެހެނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ކަމަށްވިނަމަވެސް ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަން ފާހަގަކުރައްވައި ކުންފުންޏާ ހަވާލުވިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއެކު ކުންފުންޏަށް އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފަ ހަމަޖައްސަން ޖެހުމާއެކު ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބޭކަން އެމްޑީ ފާހަގަކުރެއްވިއެވެ.
ގޮންޖެހުންތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހު ކުންފުންނީގެ ހިންގުން ހަރުދަނާކޮށް ހަރަދުކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވުނު ނަމަވެސް މިހާރު އެ ކުންފުނި ވެއްޓިފައިވާ މާލީ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީމެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލިމަގެއް ނުފެނާތީ އިސްތިއުފާދެއްވާކަމަށް ވިދާޅުވިއެވެ.